އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއު އަންނަ އާދީއްތަ ދުވަހު ރަސްމީކޮށް ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތު މަޝްރޫއު އިފުތިތާހުކުރާ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހު ހަވީރު 3:45 ގަ އެވެ.
އައްޑޫ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެއާޕޯޓް މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށް ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް އައްޑު އަށް ވަޑައިގަންނަވާތީ ސަރުކާރުގެ އިސްވެރިންތަކެއް މިހާރު އަންނަނީ އައްޑޫގައި ހަރަކާތްތެރިވަޑައިގަންނަވަމުންނެވެ. އަދި އެމްޑީޕީގެ އައްޑޫ މެމްބަރުން އަންނަނީ ރައީސަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރީތައް ވަމުންނެވެ.
ގަން އެއާޕޯޓް ތަރަގްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސްއާ އެވެ.
އެ ކުންފުންޏާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗް މަހުގެ 5 ގަ އެވެ.
The tender for Gan Airport Development was floated today. Project entails development of the terminal with a capacity to cater to 1.5 million passengers per annum. Shopping, dining, lounge, cargo, ARFF and other facilities will also be developed under the project. @faya_i pic.twitter.com/r1bx6Ld9IF
— Economy & Trade (@MoEDmv) October 4, 2022
ގަން އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީކުރަން ހަމަޖެހިފައިވެ އެވެ.
ދެހާސް ފަންސަވީހުގައި ނިންމަން ހަމަޖެހިފައި މި މަޝްރޫއަށް 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ) ހަރަދު ވާނެ އެވެ.
ގަން އެއާޕޯޓް ތަރައްގީކުރަން އެންމެ ފަހުން ހިންގި މަޝްރޫއުގެ ތެރެއިން އެތަނުގެ ރަންވޭ ބޮޑުކޮށް، އެންމެ ބޮޑެތި ބޯޓްތަކަށް ޖެއްސޭ އެއާޕޯޓަކަށް ބަދަލުކޮށް ބޭނުން ކުރަން ފެށީ 2016 ގެ ފަހުކޮޅު އެވެ.
ގަން އެއާޕޯޓަކީ ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓެވެ. އެ އެއާޕޯޓް ތަރައްގީކުރީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސީންނެވެ.