Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރައީސްގެ ނިންމެވުމުން އިތުރު ފުރުސަތު ފަހިވާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ހަޔަރ އެޑިއުޝަން މިނިސްޓަރު- ފޮޓޯ: ރައީސް އޮފީސް

ސްޓޫޑަންޓް ލޯނަށް ޝަރުތުހަމަވާ ހުރިހާ ކުދިންނަށް ލޯން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމުން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސްޓޫޑަންޓް ލޯނަށް ޝަރުތުހަމަލާ ހުރިހާ ކުދިންނަށް ލޯން ދިނުމަށް ނިންމި ނިންމުމަކީ ވަރަށް ގިނަ ކުދިންނަށް އަދި އެ ކުދިންގެ އާއިލާތަކަށް ލިބިގެންދިޔަ އިތުރު އުފާވެރިކަމެއް ކަމަށެވެ.

މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސްޓޫޑަންޓް ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ވަގުތީ ނަތީޖާ އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ. އަދި ލޯނު ލިބޭތާ 18 މަސްދުވަހުގެ ތެރޭގައި ލޯނުގެ ބޭނުން ހިފައި ތައުލީމު ހޯދުމަށް މަސައްކަތް ފަށަން ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ވަގުތީ ނަތީޖާ މިއަދު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރާއިރު ވަގުތީ ނަތީޖާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 11 ޖޫން އާ ހަމައަށް ހުޅުވާލާފައި އޮންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދާއިމީ ނަތިޖާ އިއުލާނު ކުރާނީ ޝަކުވާގެ ފުރުސަތަށް ފަހު ކަމަށާއި އެގޮތުން 22 ޖޫން ގައި ދާއިމީ ނަތީޖާ ނެރުމަށް ގަސްތުކުރާ ކަމަށް ވިދާޅުވިއެވެ. ލޯން ފުރުސަތު ލިބޭ ކުދިންގެ ދާއިމީ ނަތީޖާ އަޕްލޯޑް ކުރާނީ ޕޯޓަލްއަށް ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިއަހަރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 720 ސްލޮޓަށް ލޯނުގެ ފުރުސަތު ހުޅިވާލިއިރު 1507 ކުދިން ކުރިމަތިލާފައިވެއެވެ. އޭގެތެރެއިން ލޯނުގެ ފުރުސަތަށް ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނުގެ ފުރުސަތު ލިބިގެންދާނެއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ ސަބަބުން ވަރަށް ގިނަ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން މިދިޔައީ." މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މުޅިން އަލަށް މިއަހަރު ޑިޕްލޮމާ ފެންވަރުގެ ފުރުސަތުތަކަށްވެސް ލޯނު ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. މީގެއިތުރުން ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންނަށް ހުރި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށްޓަކައި ލޯނަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި ކުރިން ލޯނު ނަގާފައިވީނަމަވެސް ދަރިވަރުންގެ އިޚްތިޔާރުން ބޭރުން ދިމާވި ސަބަބުތަކާހުރެ ކިޔެވުން ފުރިހަމަ ކުރެވިފައި ނުވާނަމަ އަލުން ޓޮޕްއަޕް ލޯނަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ހުޅުވާލި ކަމަށެވެ.

ހުޅުވާލި ލޯން ފުރުސަތުތަކުގެ ތަފާސްހިސާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓޮޕްއަޕް ލޯނަށް 120 ސްލޮޓް ހާއްސަ ކުރިކަމަށާއި އެ ސްލޯޓަށް 78 ފަރާތަކުން ކުރިމަތިލި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 479 ކުދިންނަށް ޕައިލެޓްކަން ކިޔަވަން ފުރުސަތު މިއަހަރު ލޯންގެ ތެރެއިން ލިބިގެންދާނެ ކަމަށާއި، މިއީ ރެކޯޑް އަދަދެއް ކަމަށެވެ.

"ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާހިލާފު ހެޔޮ ބަދަލެއް ރައީސުލްޖުމްހުރިއްޔާގެ މި ނިންމެވުމުގެ ސަބަބުން އަންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އެމްބީބީއެސް 133 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި، ޕޯސްޓް ގްރެޖުއޭޑް މެޑިސިން ކިޔެވުމަށް 51 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޕީއެޗްޑީ އަށް ހާއްސަކޮށް ލޯނަށް ކުރިމަތިލި 26 ދަރިވަރަކަށް ވެސް ފުރުސަތު ލިބިގެންދާ ކަމަށެވެ.