Last Updated: April 24, 06:35
Wednesday, April 24, 2024
މުނިފޫހިފިލުވުން

ޑައިރެކްޓްކުރި ދެވަނަ ފިލްމު އެއްކޮށް ނުބަލަން

މީގެ 10 އަހަރު ކުރިން ޑައިރެކްޓްކުރި ކާމިޔާބު ފިލްމު "ޔެ ޖަވާނީ ގޭ ދިވާނީ" މިހާތަނަށް އަދިވެސް އެއްކޮށް ބަލާފައި ނުވާ ކަމަށް އޭގެ ޑައިރެކްޓަރު އަޔާން މުކަރްޖީ ބުނެފި އެވެ.

މެއި 31، 2013 ގައި ރިލީޒްކުރި ފިލްމަށް 10 އަހަރުވުމާ ގުޅިގެން އިންސްޓަގްރާމް ޕޯސްޓެއްގައި ހުނަރުވެރި ޑައިރެކްޓަރު ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ހެދި އެ ފިލްމަކީ ހަޔާތުގައި ކުރި އެންމެ އުފާވެރި މަސައްކަތް ކަމަށެވެ. އެކަމަކު އަދި މިހާތަނަށް ވެސް އެ ފިލްމު ފެށިގެން ގޮސް ނިމެންދެން ބެލިފައި ނެތް ކަމަށް އަޔާން ބުންޏެވެ.

"އަހަންނަކީ ފަސްއެނބުރި ބަލާ މީހެއް ނޫން. އަބަދު ވިސްނަނީ ދެން ކުރިއޮތް އޮންނަ ކަމަކަށް." އޭނަ ބުންޏެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ޔެ ޖަވާނީ ހޭ ދިވާނީ" އަކީ ރަންބީރް ކަޕޫރާއި ދީޕިކާ ޕަދްކޯން ލީޑް ކުޅުނު ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މީގެ ކާސްޓްގައި އަދިތިޔާ ރޯއި ކަޕޫރާއި ކަލްކީ ކޮއެޗްލިން ވެސް ހިމެނެ އެވެ.

މި ފިލްމަކީ އަޔާންގެ ދެވަނަ ޑައިރެކްޝަނަށެވެ. ރަންބީރްގެ ބެސްޓް ފްރެންޑްގެ ފުރަތަމަ ފިލްމަކީ 2011 ގެ "ވޭކަޕް ސިދު" އެވެ. އަޔާންގެ ތިން ވަނަ ފިލްމަކީ މިދިޔަ އަހަރު ރަންބީރާއި އާލިއާ ބަޓާ އެކީ ގެނެސްދިން "ބުރައްމަސްތުރާ" އެވެ. މިއީ ޓްރިލޮޖީއެކެވެ. މީގެ ކުރިއަށް އޮތް ދެ ބައި ތާވަލުކޮށްފައި އޮތީ 2026 އާއި 2027 އަށެވެ.

އަޔާން މިހާރު އޮތީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2019 ގެ "ވޯ" ސީކްއެލްގެ ޑައިރެކްޝަނާ ހަވާލުވެފަ އެވެ. އޭގެ ތަރިންނަކީ ރިތިކް ރޯޝަނާއި ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ އެވެ.