ކޮއްކޮ ތޫނު އެއްޗަކުން ދިން ހަމަލާތަކެއްގައި ސީރިއަސް ގެއްލުންތަކެއް ލިބި، ފަރުވާ ދެނިކޮށް މިއަދު މަރުވި މަރަދޫފޭދޫ ޒުވާނާގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު ބާއްވަން އާއިލާ އިން ނިންމައިފި އެވެ.
އެ އަވަށު ބްލޫ ސްޓާ އަހުމަދު ޝުއައިބް، 27، ގެ ޖަނާޒާ އޮންނާނީ އަސުރަށް ފަހު މަސްޖިދުލް އަލީގަ އެވެ.
އޭނަ މަރުވީ 25 އަހަރުގެ ކޮއްކޮ ތޫނު އެއްޗަކުން ރޭ ދަންވަރު ދިން ހަމަލާތަކެއްގައި ލިބުނު ގެއްލުންތަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެނގިފައިވާ ގޮތުގައި ދެބެއިންގެ މެދުގައި މާރާމާރީ ހިންގީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އެގޮތުން ކޮއްކޮގެ ފޯނު ޝުއައިބް ވިއްކައިލުމުން ދެބެއިންގެ މެދުގައި ޒުވާބުކޮށް ތަޅާފޮޅައި މާރާމާރީ ހިންގައި ހަމަލާދިނީ ކަމަށް މަރަދޫފޭދޫގެ ބައެއް މީހުން ބުނެފައިވެ އެވެ. އަދި ޝުއައިބްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައި ވަނީ ކަތުރަކުން ކަމަށްވެ އެވެ.
މި ހާދިސާ ފުލުހުން މިހާރު ތަހުގީގުކުރަމުން ދިޔަ ނަމަވެސް ހަމަލާދިން މީހާ ހައްޔަރެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި އޭނަ އުޅެނީ ފިލައިގެންނެވެ.