ސްޓޫޑަންޓް ލޯންގެ ތެރެއިން ޕައިލެޓްކަން ކިޔެވުމުގެ ފުރުސަތު މިއަހަރު ރެކޯޑް އަދަދަކަށް ދެވޭނެކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ސްޓޫޑަންޓް ލޯނަށް ޝަރުތުހަމަވާ ހުރިހާ ކުދިންނަށް ލޯން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުުމުގައި މިނިސްޓަރު ވަނީ ލޯނާ ގުޅޭގޮތުން އެކި ތަފްސީލުތައް ދެއްވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ 479 ކުދިންނަށް ޕައިލެޓްކަން ކިޔަވަން ފުރުސަތު މިއަހަރު ލޯންގެ ތެރެއިން ލިބިގެންދާނެ ކަމަށާއި، މިއީ ރެކޯޑް އަދަދެއް ކަމަށެވެ. މި 479 ފަރާތުގެ ތެރޭގައި މީގެ ކުރިން ސްޓޫޑެންޓު ލޯނު ނަގާފައިވާ 24 ފަރާތަކަށް ޓޮޕްއަޕް ލޯނުގެ ގޮތުގައި މިބުރުގައި ސްޓޫޑަންޓު ލޯނު ދެވޭކަންވެސް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާހިލާފު ހެޔޮ ބަދަލެއް ރައީސުލްޖުމްހުރިއްޔާގެ މި ނިންމެވުމުގެ ސަބަބުން އަންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިިނިސްޓަރު ވިދާޅުވީ މިކަމުގެ ފައިދާ އާންމު ރައްޔިތުންނަށް އެތަކެއް ގޮތަކުން ލިބިގެން ދާނެކަމަށެވެ.
މީގެއިތުރުން ތަފާތު އެކި ލައިސެންސް ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ތަފާޓު 7 ފުރުސަތު ކުރިމަތިލި ފަރާތްތަކަށް ލިބިގެންދާކަމަށް ވިދާޅުވިއެވެ. އެގޮތުން އެއަރޕޯޓް މެއިންޓެއިނެންސް ލައިސެންސް، ޝިޕިން ލައިސެންސް އަދި އެއަރ ޓްރެފިކް ކޮންޓްރޯލް ލައިސެންސް ހިމެނޭ ކަމަށެވެ.
ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ވަގުތީ ނަތީޖާ މިއަދު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރާއިރު ވަގުތީ ނަތީޖާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 11 ޖޫން އާ ހަމައަށް ހުޅުވާލާފައި އޮންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދާއިމީ ނަތިޖާ އިއުލާނު ކުރާނީ ޝަކުވާގެ ފުރުސަތަށް ފަހު ކަމަށާއި އެގޮތުން 22 ޖޫން ގައި ދާއިމީ ނަތީޖާ ނެރުމަށް ގަސްތުކުރާ ކަމަށް ވިދާޅުވިއެވެ. ލޯން ފުރުސަތު ލިބޭ ކުދިންގެ ދާއިމީ ނަތީޖާ އަޕްލޯޑް ކުރާނީ ޕޯޓަލްއަށް ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.