Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ފޯމު ހުށަހަޅައިފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެ ތިއްބަވާ އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް 3560 މެންބަރުންގެ ފޯމު ހުށަހަޅައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މޭ 24 ވަނަ ދުވަހުއެވެ. 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައެވެ. ޕާޓީ އުފެއްދުމަށް ބޭނުންވަނީ 3000 މެންބަރުންގެ ފޯމެވެ.

3560 މެންބަރުންގެ ފޯމާއެކު "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، މެންބަރުން ސޮއި ހަމަކުރުމަށް 'ދަ ޑިމޮކްރެޓްސް'އިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިއްބަވާ އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުންނެވެ. އެ ހިސާބުން އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ 12 މެންބަރަކު ޕާޓީން ވަކިވެ ވަނީ އާ ސިޔާސީ ޕާޓިއެއް އުފައްދަވާނެކަން ހާމަކުރައްވާފައެވެ.

މި ސިޔާސީ ޕާޓީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)، މެންބަރު އަހްމަދު ޒާހިރު (ގައްދޫ)، މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، މެންބަރު ހަސަން ލަތީފް، މެންބަރު އީވާ އަބްދުﷲ، މެންބަރު އިލްޔާސް ލަބީބް، މެންބަރު އިމްތިޔާޒް ފަހުމީ، މެންބަރު ޔާސިރު އަބްދުއްލަތީފް، މެންބަރު ހަސަން އަފީފް، މެންބަރު ހުސެއިން ފިރުޝާން، މެންބަރު ހަސަން ޝިޔާން އަދި މެންބަރު އަލީ އާޒިމެވެ. މީގެއިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުވެސް މީގެތެރޭގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވައެވެ.