Last Updated: April 24, 18:14
Wednesday, April 24, 2024
ދުނިޔެ

މައިކް ޕެންސް ވެސް ރިޔާސީ ރޭހަށް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި މައިކް ޕެންސް ވެސް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އޭނަގެ ކެމްޕޭން މި މަހުގެ 7 ގައި ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ތެރެއިން ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރާ ބޭފުޅުން އިތުރުވަމުން އަންނަ އިރު، ވެރިކަމުގެ އިތުރު ދައުރަކަށް އަލުން ވާދަކުރައްވަން ނިންމާފައިވާ ޓްރަމްޕަށް ޕާޓީގެ ތެރެއިން ބޮޑު ވާދަވެރިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ޓްރަމްޕް 2020 ގެ އިންތިހާބުގައި ވެސް ދެވަނަ ދައުރަކަށް ވާދަކުރެއްވި އެވެ.

ރިޕަބްލިކަން ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން އިއުލާންކުރައްވާ ބޭފުޅުންގެ ތެރޭގައި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް އާއި ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ އާއި ވިޔަފާރިވެރިއެއް ކަމަށްވާ ވިވެކް ރަމަސްވާމީ ހިމެނިވަޑައިގަންނަވަ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމެރިކާގެ މިހާރުގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ޖޯ ބައިޑެން ވެސް ވާދަކުރައްވާނެ އެވެ.

ޕެންސް ވެރިކަމަށް ވާދަކުރައްވާ އިރު އޭނަ އާއި ޓްރަމްޕާ ދެމެދު އޮތް ގާތް ކަމެއް މިހާރަކު ނެތެވެ. ހާއްސަކޮށް ޓްރަމްޕް 2020 ގެ އިންތިހާބުގައި ބަލިވެވަޑައިގަތުމުން ސަޕޯޓަރުން ލައްވައި ޖެނުއަރީ 6، 2021 ގައި ގާނޫނު ހަދާ މަޖިލިސް އިމާރާތް، ކެޕިޓޮލް ހިލްގައި ހިންގުވި ހަމަނުޖެހުންތަކަށް ފަހު، އޭނައާ ޕެންސް ގުޅުމެއް ނުބާއްވަ އެވެ.