Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މަޖިލީހަށް ހުށަހަޅާ ބިލްތައް ހުއްޓިފައި ހުންނާތީ ކަންބޮޑުވޭ

މިއުވާން މުހައްމަދު- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެ މަސައްކަތް ކުރިއަށްނުގޮސް މަޖިލީހުގައި މަޑުޖެހިފައި އޮތުމުން އެކަމުގައި ސަރުކާރުގެ ކަންބޮޑުވުން އެބައޮތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މަސައްކަތްތައް މަޑުޖެހިފައިވާކަމަށް ބުނެ އެކަމުގައި ސަރުކާރުން ދެކޭގޮތަކާ ބެހޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލުތައް މަޖިލީހުގެ ތެރޭގައި މަޑުޖެހިފައި އޮތުމުން އެކަމުގައި ސަރުކާރުގެ ކަންބޮޑުވުން އެބައޮތްކަމަށެވެ. މަޖިލީހުގެ ތެރޭގައި ބިލުތައް މަޑުޖެހިފައި އޮތުމުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ދިމާވާކަމަށެވެ.

މިއުވާން ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކުގެ ފައިދާ ރައްޔިތުންނަށް އަވަހަށް ލިބުމަށް އެބިލުތަކުގެ މަސައްކަތް މަޖިލީހުގެ ތެރެއިން އަވަހަށް ނިމުމަށް ބޭނުންވާ ކަމަށެވެ.

މިފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް ވަނީ މަސައްކަތުގެމާހައުލާ ގުޅޭ ދެ ބިލެއްގެ މަސައްކަތް މަޖިލީހުން ނުނިމި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ އަދަދު މަދުވެ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމުން ކޮމިޓީތަކަށް ބަދަލުއަންނާނެއެވެ. އެހެންނަމަވެސް އެބަދަލުތައް އަދި ނެގެނެވި އޮތުމުން ކޮމިޓީތަކުގެ މަސައްކަތްތައްވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެއިތުރުން މަޖިލީހުގެ ރިޔާސަތުން ބިލްތައް އެޖެންޑާ ކުރުމުގައި އަމަލުކުރަމުންދާގޮތުން ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ފާޑުކިޔުން ވެސް އަންނަނީ އަމާޒުވަމުންނެވެ.