Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އެމްޕީއެލްއިން ޑިވިޑެންޑުގެ ގޮތުގައި 67.5 މިލިއަން

އެމްޕީއެލް އަހަރީ އާންމު ޖަލްސާގެ ތެރެއިން ސީއީއޯ ޝާހިދު އަލީ / ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އަހަރީ ޖަލްސާ ބާއްވައި، ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 67.5 މިލިއަން ރުފިޔާ ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

އެމްޕީއެލް އަހަރީ އާންމު ޖަލްސާ ބުދަ ދުވަހު ރޭގަނޑު ބާއްވާފައިވާއިރު މި ޖަލްސާގައި ވަނީ ގިނަ ކަންކަން ނިންމާފައެވެ. މިގޮތުން 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކުންފުނީގެ ޑިވިޑެންޑުންގް މުވައްޒަފުންނަށް އަހަރީ ބޯނަސް ވަނީ ފާސްކޮށްފައެވެ. މިއާއި އެއްކޮށް މިއަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ވަނީ އަހަރީ އާންމު ޖަލްސާގައި ހަމަޖައްސާފައެވެ.

ކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ސަރުކާރަށްދޭ ޑިވިޑެންޑުގެ ގޮތުގައި 67.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ފާސްކޮށްފައެވެ. މިއީ 2021 ވަނަ އަހަރަށް ވުރެ 78 އިންސައްތަ ކުރިއެރުމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް މި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާއިރު، މިދިޔަ އަހަރު ކުންފުންޏަށް އާމްދަނީގެ ގޮތުގައި 809 މިލިއަން ރުފިޔާ ވަނީ ޖެހިފައެވެ. މީގެ ތެރެއިން ޓެކުހަށް ކަނޑައި ސާފު ފައިދާގޮތުގައި ލިބިފައިވަނީ 108.9 މިލިއަން ރުފިޔާއެވެ. މިއީ 2021 ވަނަ އަހަރާއި އަޅައި ބަލާއިރު 43 އިންސައްތައިގެ ކުރިއެރުމެވެ.

އެމްޕީއެލްގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ސީއީއޯ ޝާހިދް އަލީ ވާހަކަ ދައްކަވަމުން ވިދާޅުވީ، 2022 ވަނަ އަހަރަކީ އޮޕްރޭޝަނަލީ އަދި މަލީ ގޮތުންވެސް ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމަށެވެ. އަދި ކުންފުނިން މިދިޔަ އަހަރު ގިނަ ލަނޑުދަނޑިތަކެއް ހާސިލް ކޮށްފައިވާކަން ފާހަގަ ކުރިއެވެ.

މީރުމާ އިވެންޓް ހޯލުގައި ކުރިއަށްދިޔަ އަހަރީ އާންމު ޖަލްސާގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއްސައްތާރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ނައިބް ރައީސް، ފިރާޒާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސް ފަރާތްތަކާއި އެކްސްޓަރނަލް އޮޑިޓަރ ކޭޕީއެމްޖީން ވެސް ބައިވެރިވެވަޑައިގެންނެވެ.