ރޭ އައްޑޫސިޓީ މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާ ދީ މަރާލާފައިވާ އަހުމަދު ޝުޢެއިބްގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ރޭ މަރަދޫ-ފޭދޫ ގައި ހިނގި މި މާރާމާރީގައި، މަރުވެފައިވަނީ ބްލޫ ސްޓާ، 27 އަހަރުގެ އަހުމަދު ޝުއައިބް އެވެ. މިމައްސަލާގައި ތުހުމަތު ކުރަނީ އޭނާގެ ކޮއްކޮ ހުސައިން މަވާޒް، 25، ގެ މައްޗަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށް އައްޑޫ ލައިވް އަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި މައްސަލައިގެ ތަހުޤީޤް ފުލުހުން ގަން ޕޮލިސް ސްޓޭޝަނުން ދަނީ ކުރަމުންނެވެ.
މަވާޒް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް، އަމިއްލައަށް ގަން ޕޮލިސް ސްޓޭޝަނަށް އޭނާ ހާޒިރުވީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މަރަދޫފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ރިޕޯޓެއް ރޭ 11:38 ގައި ލިބިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ދެބެއިންގެ މެދުގައި މާރާމާރީ ހިންގީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. މިމައްސަލާގައި ކަތުރަކުން ޝުއެއިބްއަށް ހަމާލާދީފައިވާއިރު އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އޭނާ މަރުވެފައިވަނީ އޭނާގެ ކާނަތު ކަރަށް ލިބުނު އަނިޔާތަކާއި ގުޅިގެންނެވެ. އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ 12 ޖަހައިކައް ހާއިރު ކަަމަށް އޭއީއެޗުން ބުނެއެވެ.
އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް ލޭ މަނާ ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މަރުވީ ފަރުވާ ދެމުންދަނިކޮށް 4:36 ހައި އިރު ކަމަށް އޭއީއެޗްއިން ބުނެއެވެ.