Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

"ބައިޖޫ ބަވްރާ" ގެ ޝޫޓިން ފެބްރުއަރީގައި

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އިއުލާންކޮށްފައި އޮތް ފިލްމު "ބައިޖޫ ބަވްރާ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފެބްރިއަރީ މަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމު 2019 ގެ ފަހުކޮޅު އިއުލާންކޮށް، އޭރު ނިންމާފައި އޮތީ 2021 ގެ ނޮބެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް ކުރިން ރޭވި ގޮތަށް މަސައްކަތް ނުދިޔައީ ކޮވިޑާ ހެދި ދެ އަހަރެއްހާ ދުވަހަށް ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް އައުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހާތަނަށް ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބަންސާލީގެ "ބައިޖޫ ބަޖްވާރާ" އަކީ އޭނަގެ ޑްރީމް އެއް ޕްރޮޖެކްޓެވެ.

އެހެންވެ މިހާރު ނެޓްފްލިކްސްއާ ގުޅިގެން ހަދާ ސީރީޒް "ހީރާމަންޑީ" ގެ ޝޫޓިން މި އަހަރުގެ ޑިސެމްބަރަށް އެއްކޮށް ނިންމާލައި، ފެބްރުއަރީ މަހުގެ ތެރޭގައި އާ ފިލްމުގެ ޝޫޓިން ފަށާނެ އެވެ. އަދި އެކަމުގެ ތައްޔާރީތައް ވެސް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން ފިލްމަށް ހާއްސަ އަގުބޮޑު ސެޓެއް ބިނާކުރަން ތައްޔާރީތައް އަންނަނީ ވަމުންވެ.

އެކަމަކު އަދި ވެސް "ބައިޖޫ ބަވްރާ" ގެ ކާސްޓަކީ ކޮބައި ކަމެއް ސާފެއް ނުވެ އެވެ. މި ފިލްމު އިއުލާންކުރި ދުވަސްވަރު މީގެ ކާސްޓާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ފިލްމުގެ ލީޑަށް ވަނީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ނަގައިފަ އެވެ. އާލިއާ އަކީ ބަންސާލީ މިދިޔަ އަހަރު ގެނެސްދިން "ގަންގޫބާއީ ކަތިއަވާޅީ" ވެސް ބަތަލާ އެވެ.

ރަންވީރު މީގެ ކުރިން ބަންސާލީގެ ތިން ފިލްމެއް ކުޅުނެވެ. އެއީ އަންހެނުން ދީޕިކާ ޕަދްކޯންއާ އެކީ ކުޅުނު 2018 ގެ "ޕަދުމާވަތު" އާއި 2017 ގެ "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން 2013 ގެ "ރާމް-ލީލާ" އެވެ.

"ބައިޖޫ ބަރްވާ" ގެ ލީޑަކީ ރަންވީރާއި އާލިއާ ނަމަ މި ފިލްމު ވާނީ މި ދެ ތަރިން އެކީގައި ކުޅޭ ތިން ވަނަ ފިލްމަށެވެ. ހުނަރުވެރި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ. ދެވަނަ ފިލްމަކީ އަންނަ މަހުގެ 28 ރިލީޒްކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "ބައިޖޫ ބަވްރާ" ގެ ކާސްޓާއި އެއާ ބެހޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ބަންސާލީ ހިއްސާކުރާނެ އެވެ.