Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ބެންޒެމާ ރެއާލް ދޫކޮށްލަނީ

ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.

ބެންޒެމާ ،35، ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތްއިރު ރެއާލް ދޫކޮށްލަން ނިންމާފައިވާކަން އޭނާ މިހާރު ވަނީ އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަދި ކޯޗު ކާލޯ އެންޗެލޯޓީ އަށް އަންގާފަ އެވެ.

ރެއާލް ދޫކޮށްލުމަށްފަހު ބެންޒެމާ ބަދަލުވުމަށް ހަމަޖެހިފައިވަނީ ސައުދީ ލީގުގެ ޗެމްޕިއަންކަން މިފަހަރު ހޯދި އަލް އިއްތިހާދަށެވެ. އެ ކްލަބުން ވަނީ ބެންޒެމާ އަށް 400 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

2009 ވަނަ އަހަރުން ފެށިގެން ރެއާލަށް ކުޅެމުން އަންނަ ބެންޒެމާ އަކީ އެ ކްލަބަށް ދެވަނަ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިއާ އެވެ. ބެންޒެމާ ވަނީ ރެއާލަށް މިހާތަނަށް 354 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

2022 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑު ކާމިޔާބު ކުރި ބެންޒެމާ ވަނީ ރެއާލަށް 647 މެޗު ކުޅެދީފަ އެވެ. އެ ކްލަބާއެކު ބެންޒެމާ ވަނީ ސްޕެނިޝް ލީގު ހަތަރު ފަހަރު، ސްޕެނިޝް ކަޕް ތިން ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔޫއެފާ ސުޕަ ކަޕް ހަތަރު ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ފަސް ފަހަރު ހޯދައިފަ އެވެ.