Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ބަލްކްކޮށް ބޭސް އެތެރެ ކުރަން އެއްބަސްވުމަކަށް

ބަލްކް ޕްރޮކިއުމެންޓް އުސޫލުން ރާއްޖެ ބޭސް އެތެރެކުރަން އެއްބަސްވުމުގައި ސޮއި ކުރަނީ / ފޮޓޯ: ފިނޭންސް

ބަލްކް ޕްރޮކިއުމެންޓް އުސޫލުން އަގުހެޔޮކޮށް ރަނގަޅު ކޮލިޓީގެ ބޭސް ގެނައުމަށް ދިވެހި ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމާއި ދެމެދު އެއްބަސްވުމުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލްއާއި، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސަޢީދެވެ. އެއްބަސްވުމުގައި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރީކޯ ގަވޭލިއާ އެވެ. ރަސްމީއްޔާތުގައި ފޮރިން މިނިސްޓްރީއާއި، ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އާސަންދަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއަށް ރަނގަޅު ކޮލިޓީގެ ބޭސް ޔޫއެންޑީޕީ މެދުވެރިވެ ސަޕްލައިކޮށްދޭއިރު، ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރާނީ ކޯޕެންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއުމެންޓް ސެންޓަރގެ ކޮލިޓީ އެޝުއަރެންސް ޓީމުންނެވެ. އަދި ރާއްޖެ އެތެރެކުރެވޭ ބޭހުގެ ކޮލިޓީ ދެމެހެއްޓުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ޕްރޮޖެކްޓުގެ ސްޓިއަރިންގް ކޮމެޓީގައި ވަނީ ހިމަނާފައި ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ޤަބޫލު ކުރާ ގޮތުގައި އެއްބަސްވުމުގެ ދަށުން ސިއްޙީ ދައިރާއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮން ޖެހުންތައް މި އެއްބަސްވުމުގެ ދަށުން ހައްލުވެގެންދާނެއެވެ. މިގޮތުން ބޭސް ވަގުތުން ވަގުތައް ގެނައުމަށް ފަސޭހަވެ، ބޭސް ލިބުމަށް ހުންނަ ދަތިތަކަށް ލުއިފަސޭހަކަން ލިބިގެން ދާނެއެވެ. މިއާއެކު ސިއްޙީ ދައިރާގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާ ވެގެން ދާނެ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުން ތަންފީޒު ކުރަން ސަރުކާރުން ނިންމީ، އާސަންދައިން ކުރާ ޙަރަދުތައް ބޮޑުވެގެން ދިއުމާއި އެކުގައެވެ. މީގެ އެއް ސަބަބަކީ ބޭހުގެ އަގު ހިފެހެއްޓުމަށް ދަތިވުމެވެ. ބޭސް އެތެރެކުރުމުގައި ގެންނަ އިރު އަގުތައް ތަފާތުވުމުމުގެ ސަބަބުން ބޭހުގެ އަގު ނުހިފެހެއްޓި އާސަންދައިގެ ޙަރަދު މައްޗަށް ދިއުން މި އެއްބަސްވުން ތަންފީޒުވާން ފެށުމުން ކޮންޓްރޯލް ކުރެވޭނެއެވެ.