Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

މާފުށީ ޖަލުގައި ދެ ފުޓްސަލް ދަނޑު ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނާއި ޤައިދީން ފުޓްސަލް ކުޅުމަށް ޤާއިމުކުރި ދެ ފުޓްސަލް ދަނޑު މާފުށީ ޖަލުގައި މިއަދު ހުޅުވައިފި އެވެ.

މި ދެ ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަނޑު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އެވެ.

މި ދެ ދަނޑަކީ އެމްސީއެސްގެ އޮފިސަރުންނާއި ޤައިދީންގެ ދުޅަ ހެޔޮ ސިއްޙަތަކާއި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ފުޓްސަލް ކުޅުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ޕްރިސްކޯ އާ ޙަވާލުކޮށްގެން ޤާއިމުކުރި ދެ ދަނޑެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ޖަލުތަކުގައ އުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މި ދެ ދަނޑަކީ އޭގެ އެއް މަސައްކަތަކުގެ ނަތީޖާ ކަމަށެވެ. އަދި މި ދަނޑުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އިލްތިމާސްކުރެއްވި އެވެ.

މި ދެ ދަނޑު ހުޅުވުމުގެ ގޮތުން ޤައިދީންގެ މެދުގައި ވަނީ ފުޓްސަލް މެޗެއް ވެސް ކުޅެފަ އެވެ.