Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އީވީ ޗާޖިން ސްޓޭޝަނެއް މާލެ އަށް

މާލެ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުން އަންނަ އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖްކުރާނެ ސްޓޭޝަންތަކުގެ ފުރަތަމަ ސްޓޭޝަން މާލޭގައި ގާއިމުކޮށްފި އެވެ.

ޖަޕާން ސަރުކާރުގެ އެހީތެރިކަމާ އެކީ މާލޭގައި ހުންނަ ހުޅުމާލެ ޓާމިނަލްގައި ގާއިމްކުރި ޗާޖިން ސްޓޭޝަން ރަސްމީކޮށް އިއްޔެ ހުޅުވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީ އާއި ޔޫއެންޑީޕީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާގެ އިތުރުން ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ނަހުލާ ވިދާޅުވީ އީވީ ރާއްޖޭގައި ބޭނުން ކުރަން ފެށުމާއި އެކަމަށް ބާރުދޭ އިތުރު ވަސީލަތްތައް ރާއްޖެ އަށް ތައާރަފުވުމަކީހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ޙާޞިލުކުރުމުގައި ކާމިޔާބުވި މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި ތިމާވެއްޓައި ރައްޓެހި ދެމެހެއްޓެނިވި މަސައްކަތްތަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވު އެވެ.

"ދަތުރުފަތުރުގެ ދާއިރާއަކީ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ދާއިރާއަކަށް ހެދުން މުހިންމު. މިލަނޑުދަނޑިއަށް މަސައްކަތް ކުރެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާ އެކު،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންކަމުން މި ކުރެވުނު މަސައްކަތަކީ އޭގެ މުހިންމު އެއް މަސައްކަތް. އެކަމަށްޓަކައި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން."

މާލެ ސަރަހައްދުގައި ބޭނުންކުރާ އިލެކްޓްރިކް ބަހަށް ހާއްސަކޮށްގެން ފަސް ޗާޖިން ސްޓޭޝަން ހަދަން ހަމަޖެހިފައިވެ އެވެ.