Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ޑޮން 3" ކުޅޭނީ ރަންވީރު

ޝާހްރުކް ކުޅެމުން އައި "ޑޮން" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ލީޑް ބަތަލަކީ ރަންވީރު ސިންގް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އޭނަ އެ ފިލްމުން ފެންނާނެކަން މިހާރު ކަށަވަރު ކަމަށާއި ރަންވީރާ އެކީ ފިލްމުގެ ޕްރޮމޯއެއް ވެސް ޝޫޓްކޮށްފައިވާ ކަމަށާއި ޑައިރެކްޓަރު ފަރުހާން އަހްތަރު ރަސްމީކޮށް އެކަން އިއުލާންކުރުމުގެ ތައްޔާރީތަކުގެ ތެރޭގައި އުޅޭ ކަމަށެވެ. "ޑޮން 3" ގަ ބަތަލަކީ ރަންވީރު ކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ ތިން ވަނަ ފިލްމުގެ ސްކްރިޕްޓާ މެދު ޝާހްރުކް އެހާ ހިތްހަމަނުޖެހޭތީ އާއި އޭނަ ކުރިން ދެ ފަހަރަށް ކުޅުނު ކެރެކްޓާއެއް އަލުން ކުޅުމުގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށް މިދިޔަ ބުނެ މަހުގެ ތެރޭގައި ވާހަކަ ދެކެވެން ފެށުމާ އެކީގަ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ފަރުހާން "ޑޮން 3" ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެނީ އޭނަ ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ ރޯޑް ޓްރިޕް "ޖީ ލޭ ޒަރާ" ގެ މަސައްކަތް ފެށުމާ ގާތްކޮށްފަ އެވެ. ކާސްޓްގައި ޕްރިޔަންކާ ޗޯޕްޅާ އާއި އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ކައިފް ހިމެނޭ މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގަ އެވެ.

އަދި އެ ނިންމައިލުމަށް ފަހު "ޑޮން 3" ގެ މަސައްކަތާއިގެން ފަރުހާން ކުރިއަށް ދާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި މި ފިލްމު ވާނީ އޭނަ ޑައިރެކްޓްކުރާ ފިލްމެއް ރަންވީރު ކުޅޭ ފުރަތަމަ ފަހަރަށެވެ. އެކަމަކު ފަރުހާނާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ފިލްމު ކުންފުނި، އެކްސެލް އެންޓަޓައިންމަންޓްގެ ފިލްމުތަކެއް ރަންވީރު ކުޅުނެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ފަރުހާން ވެސް މުހިއްމު ރޯލެއް ކުޅުނު 2015 ގެ "ދިލް ދަޅަކް ނޭ ދޯ" އެވެ. އަނެއް ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ.

މި ދެ ފިލްމު ވެސް ޑައިރެކްޓްކުރީ ފަރުހާންގެ ދައްތަ ޒޯޔާ އަޚްތަރެވެ.

ޝާހްރުކާ އެކީ "ޑޮން" 2006 ގައި ގެނެސްދިނުމަށް ފަހު "ޑޮން 2" ރިލީޒްކުރީ 2011 ގަ އެވެ.