Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝިވާންގީގެ "ބަރުސާތޭ" ގެ ޕްރޮމޯއެއް

ޝިވާންގީ ޖޯޝީ އާއި ކުޝާލް ޓަންޑަން ލީޑް ރޯލުން ފެންނާނެ ސިލްސިލާ "ބަރުސާތޭ" ގެ ޕްރޮމޯ ސޮނީ ޓީވީން ދައްކަން ފަށައިފި އެވެ.

ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ސިލްސިލާގެ ޕްރޮމޯ ބެލުންތެރިންނަށް ދޫކޮށްލި ނަމަވެސް އެ ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ވަރަށް އަވަހަށް "ބަރުސާތޭ" ދައްކަން ފަށާނެ ކަމަށް ބުނެފައިވެ އެވެ. މިއީ އެކްތާ ކަޕޫރްގެ ބާލާޖީގެ އެއްޗެކެވެ.

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލު ކުޅެގެން މަޝްހޫރުވި ޝިވާންގީ އެންމެ ފަހުން ފެނިފައި ވަނީ ވެސް އެކްތާގެ ސިލްސިލާއަކުންނެވެ. އެއީ މިދިޔަ މާޗް މަހުގައި ކަލާސް ޓީވީން ދައްކަން ފެށީ "ބޭގާބޫ" އިންނެވެ. އޭގައި ޝިވާންގީ ކުޅުނު ހާއްސަ ފެނިލުމެއްގެ ރޯލެވެ.

މިދިޔަ މަހު ރާއްޖޭގައި ޗުއްޓޯ ހޭދަކުރި ބަތަލާގެ އާ ސިލްސިލާގައި ކުޝާލް އެކީ ފެނިގެންދާ އިރު، މިއީ މި ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ. ކުޝާލް ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ބޭހަދު" އާއި "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ ހޭ" ހިމެނެ އެވެ.