އެޕަލްގެ އައިފޯން އުފައްދާ ޓައިވާންގެ ކުންފުނި، ފޮކްސްކޮންފެ ދަށުން އިންޑިއާގައި އައިފޯން އުފެއްދުމުގެ މަސައްކަތް ފުޅާކުރަން ނި ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ އެ ގައުމުގެ ކަރްނާޓަކާ ސްޓޭޓްގައި އައިފޯން އުފެއްދުމުގެ މަސައްކަތް ފަށަން ފޮކްސްކޮން އިން ތައްޔާރީތައްވަމުން އަންނަ ކަމަށާއި މި މަސައްކަތް ރަސްމީކޮށް ފަށައި ގަންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އަދި މީގެ ސަބަބުން އިންޑިއާގައި އަލަށް 50،000 އެއްހާ ވަޒީފާ ވެސް އުފެދޭނެ ކަމަށް ބުންޏެވެ.
ކަރްނާޓަކާއި އައިފޯން އުފައްދަން ފޮކްސްކޮން އިން ތައްޔާރުވަމުން އަންނަ އިރު، އައިފޯންގެ ކުރީގެ ބައެއް މޮޑެލްތައް 2017 އިން ފެށިގެން ފޮކްސްއިން އަންނަނީ އިންޑިއާގެ ޓަމިލް ނާޑޫގައި އުފައްދަމުންނެވެ. މީޑިއާތަކުން ބުނި ގޮތުގައި މި މަސައްކަތް ފުޅާކުރަން ކުރިއަށް ގެންދާ މަޝްރޫއަށް ފޮކްސްއިން ވަނީ ބެންގަލޫރް ކައިރިން 13 މިލިއަން އަކަފޫޓްގެ ބިމެއް ވެސް ގަނެފަ އެވެ.
އެ ބިން އަންނަ މަހުގެ 1 ގައި ރަސްމީކޮށް ފޮކްސްކޮންއާ ސަރުކާރުން ހަވާލުކުރާނެ އެވެ.
ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރްނާޓަކާގައި ގާއިމުކުރާ އައިފޯންގެ ފްލާންޓަށް ފޮކްސްއިން 700 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.

އިއްޔެ އިންޑިއާގެ ސަކާރުން ބުނެފައިވާ ގޮތުގައި އެ ގައުމުގައި އައިފޯން އުފެއްދުން ފުޅާކުރަން ހިންގާ މަޝްރޫއުގެ އަގު 1.59 ބިލިއަން ޑޮލަރަށް އަރަ އެވެ.
އައިފޯނަށް ބޮޑު މާކެޓަށް އޮންނަ އިންޑިއާގައި މިދިޔަ އެޕްރީލްގައި ވަނީ އެޕަލްގެ ދެ ރިޓެއިލް އައުޓްލެޓް ވެސް ހުޅުވައިފަ އެވެ. ކުންފުނީގެ ސީއީއޯ ޓިމް ކުކް އިންޑިއާ އަށް ވަޑައިގެން އެ އައުޓްލެޓްތައް ހުޅުވީ އެ ގައުމުގެ ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީ އާއި ވެރިރަށް، ނިއު ދިއްލީގަ އެވެ.