Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ސޮނާކްޝީ އަށް ޒަހީރު؛ ވަރަށް ލޯބިިވޭ

ބޮލީވުޑްގެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ފަސް ވަރަކަށް އަހަރު ވެދާނެ އެވެ. އެކަމަކު މިހާތަނަށް އެ ދެ މީހުން ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ.

ނަމަވެސް މިއަދު ފާހަގަކުރާ ސޮނާކްޝީގެ 36 ވަނަ އުފަން ދުވަހާ ގުޅުވައި ތަހުނިޔާ ކިޔަން ޒަރީރު އިންސްޓަގްރާމްކުރި ޕޯސްޓްގައި އޮތް އެއް އިބާރާތަކުން އޭނަ އާއި ސޮނާކްޝީ ރައްޓެހިވެގެން އުޅޭކަން މިހާރު ކަށަވަރު ކަމަށް މީޑިއާތަކުން ބުނެ އެވެ. ސޮނާކްޝީއާ އެކީ ނަގާފައިވާ ފޮޓޯތަކަކާ އެކީ އާންމުކުރި ޕޯސްޓް ނިންމައިލަމުން "ވަރަށް ލޯބިވެޔޭ" ބުނެ ރަތް ހިތެއް ވެސް ޒަހީރު ހިމަނާފައިވެ އެވެ.

ޒަހީރަކީ ސަލްމާން ޚާން ޕްރޮޑިއުސްކުރި 2019 ގެ ފިލްމު "ނޯޓްބުކް" އިން ބޮލީވުޑަށް ނެރުނު އެކްޓަރެކެވެ. އޭނަގެ ދެވަނަ ފިލްމަކީ ކާސްޓްގައި ކާސްޓްގައި ސޮނާކްޝީ ވެސް ހިމެނޭ މިދިޔަ އަހަރުގެ "ޑަބަލް އެކްސްއެލް" އެވެ. މިދިޔަ އަހަރު މި ދެ ތަރިން އެކީގައި ކުޅުނު ވީޑިއޯ ލަވައެއް ވެސް ނެރުނެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާގެ ދަރިފުޅު ސޮނާކްޝީ އަކީ ވެސް ސަލްމާން ބޮލީވުޑަށް ނެރުނު ބަތަލާއެކެވެ. އެއީ 2010 ގެ "ދަބަންގް" އިންނެވެ.