Last Updated: April 27, 09:44
Saturday, April 27, 2024
ދުނިޔެ

ރޭލު އެކްސިޑެންޓެއްގައި 200 މަރު

ރޭލު އެކްސިޑެންޓެއްގައި އިންޑިއާ އިން 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ އޮޑިޝާ ސްޓޭޓުގައި ދެ ރޭލު ޖެހި ހިނގި މި ހާދިސާގައި 207 މީހަކު މަރުވެފައިވާއިރު 900 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ހާމަކުރެ އެވެ.

އިންޑިއާގެ އޮފިޝަލުން ބުނިގޮތުގައި އެކްސިޑެންޓުވި ދެ ރޭލަކީ ވެސް ރަނގަޅު ހާލަތުގައި ހުރި ރޭލުތަކެކެވެ. މި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލުން ހާމައެއް ނުކުރެ އެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ. މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް މިހާރު ކުރިއަށްދާއިރު މި ހާދިސާގައި އެކި ގެއްލުންތައް ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން މޯދީ ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޭލު ނެޓްވޯކް އޮންނަނީ އިންޑިއާގައި ކަމަށްވާއިރު މިފަދަ އެކްސިޑެންޓުތައް ހިނގުމަކީ އާންމު ކަމެކެވެ. ނަމަވެސް މިއީ މިފަހުގެ ތާރީހެއްގައި އެގައުމުގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ.