އިއްޔެ ބެލުންތެރިންނަށް ދޫކޮށްލި ބޮލީވުޑްގެ ފިލްމު "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އަކީ ވަރަށް ރީތި ފިލްމެއް ކަމަށާއި މީގެ ލީޑް ކާސްޓް ކަމަށްވާ ވިކީ ކޯޝަލް އާއި ސާރާ އަލީ ޚާންގެ ކެމިސްޓްރީ ވެސް ވަރަށް ހިތްގައިމު ކަމަށް ގިނަ ކްރިޓިކުންތަކެއް ބުނެފި އެވެ.
މި ފިލްމަކީ މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.
ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކޮށްފައިވާ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އަކީ ވަރަށް ލޯބިން ކައިވެނިކުރާ ދެ މީހަކު ފަހުން ވަރިފަށަށް އަރައި، އެ މީހުންގެ ކައިވެނި ރޫޅަން އުޅުމުގެ ތެރޭގައި ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.
މި ފިލްމާ ބެހޭ ގޮތުން މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އަކީ 70 ގެ އަހަރުތަކުގައި ޑައިރެކްޓަރުން ކަމަށްވާ ރިޝިކޭޝް މުކަރްޖީ އާއި ބާސޫ ޗެޓަޖީ ގެނެސްދީފައިވާ ސާދާ ފިލްމުތަކުގެ ހަނދާން އާކޮށްދޭ ކަހަލަ ފިލްމެއް ކަމަށެވެ. އެގޮތުން މި ފިލްމަކީ ރާޖްޝްރީގެ 1972 ގެ ފިލްމު "ޕިޔާ ކާ ގަރު" ގެ ހަނދާން ވަރަށް ބޮޑަށް އާކޮށްދޭ ފިލްމެއް ކަމަށް ބުންޏެވެ.
#OneWordReview…#ZaraHatkeZaraBachke: ENTERTAINING.
Rating: ⭐️⭐️⭐️½
This one is desi at heart, could spring a surprise at the #BO… Could be lapped up by families due to its strong message towards the final moments.#ZHZB brings back memories of #Rajshri’s #PiyaKaGhar [1972;… pic.twitter.com/pqwMZhEbMP— taran adarsh (@taran_adarsh) June 2, 2023
ތަރަން ފާހަގަކުރި ގޮތުގައި ޑައިރެކްޓަރު ލަކްޝްމަން ވަނީ ސާދާ ސްކްރިޕްޓަކަށް ވަރަށް ސާދާ އަދި އެހާމެ މުނިފޫހި ފިލުވައިދޭ ފިލްމެއް ހަދަން ކުރި މަސައްކަތް ކާމިޔާބުކޮށްފަ އެވެ. އަދި މިއީ އެހާމެ އިބުރަތްތެރި މެސެޖެއް ވެސް ލިބޭ އެއްޗެއް ކަމަށާއި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އަކީ ވިކީ އާއި ސާރާގެ ވަރަށް މޮޅު އެކްޓިންއެއް ވެސް ފެނިގެންދާ ފިލްމެއް ކަމަށް ބުންޏެވެ.
ލަކްޝްމަން ކުރިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "މިމީ" އާއި "ލުކާ ޗުއްޕީ" ހިމެނެ އެވެ.
ތަރަން ބުނި ގޮތުގައި މި ފިލްމުގެ ޕްލޮޓް ލައިނަކީ އާންމުންނަށް ވަރަށް ރިލޭޓްވާ އެއްޗެކެވެ. އެހެންވެ ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެކަމުގެ އުންމީދު ވެސް އޮތް ކަމަށް ބުންޏެވެ.
"ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" ވަރަށް "އެންޓަޓައިނިން" ފިލްމެއް ގޮތުގައި ސިފަކޮށް ތަރަން ވަނީ ފަސް ތަރިން ތިނެއް ބައި ތަރީގެ ރޭޓިންއެއް ވެސް ދީފަ އެވެ. ފިލްމަށް ވަރަށް ގިނަ ކްރިޓިކުން ދީފައިވާ ރޭޓިންތަކަށް ބަލާ އިރު، އެވްރެޖް ރޭޓިން ހަތަރު ރޭޓިން އަށް ވުރެ ދަށެއް ނޫނެވެ.
އެހެންވެ ގަބޫލު ކުރެވެނީ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އަކީ ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރިއެއް ކުރާނެ ފިލްމަކަށް ވާނެ ކަމަށެވެ.