Last Updated: July 25, 18:05
Sunday, July 26, 2026
މުނިފޫހިފިލުވުން

ރޮކް އަލުން "ފާސްޓް އެންޑް ފިއުރިއަސް" އަށް

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ފިލްމަކަށް އަނެއްކާ ވެސް އެނބުރި އަންނަކަން އޭގައި ކުރިން ލޫކް ހޮބްސްގެ ކެރެކްޓާ ކުޅުނު އެކްޓަރު ޑްވޭން ޖޯންސަން ރޮކް) ބުނެފި އެވެ.

މިކަން އޭނަގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައި "ފާސްޓް އެންޑް ފިއުރިސް" ގެ ކުރިއަށް އޮތް ފިލްމުން ފެންނާނެކަން ކަށަވަރުކޮށް ދީފައިވެ އެވެ.

މިދިޔަ މަހު ރިލީޒްކުރި "ފާސްޓް އެކްސް" އިން ވެސް އޭނަ އަށް ފުރުސަތު ލިބުނެވެ. އެކަމަކު އެކްޓަރު/ޕްރޮޑިއުސަރު ވިން ޑީޒެލްއާ ދެމެދު އޮތް ހިތްހަމަނުޖެހުންތަކެއްގެ ސަބުން ފިލްމުން ލިބުނު ފުރުސަތު 2021 ގައި ރޮކް ވަނީ ދޫކޮށްލައިފަ އެވެ.

އޭނަ ކުރިން މަސައްކަތްކޮށްފައިވާ ފާސްޓްގެ ފިލްމުތަކަކީ ފާސްޓް ފައިވް (2011)، ފާސްޓް އެންޑް ފިއުރިއަސް 6 (2013)، ފިއުރިއަސް 7 (2015) އަދި ފޭޓް އޮފް ދަ ފިއުރިސް (2017) އެވެ. އަދި މި ސީރީޒްގެ ސްޕިން-އޮޕެއްގެ ގޮތުގައި 2019 ގައި ގެނެސްދިން "ހޮބްސް އެންޑް ޝޯ" ގައި ޓައިޓްލް ކެރެކްޓާތައް ކުޅުނީ ރޮކް އާއި ޖޭޒަން ސްޓެތަމް އެވެ.

މިިދިޔަ މަހުގެ 19 ގައި ރިލީޒްކުރި "ފާސްޓް އެކްސް" އަށް ބޮކްސް އޮފީހުގައި 548.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. ލުއީ ލެޓަރީ ޑައިރެކްޓްކުރޮ ފިލްމު ހަދާފައި ވަނީ 340 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

"ފާސްޓް އެންޑް ފިއުރިސް" އަކީ 2001 ގައި ގެނެސްދޭން ފެށި އެއްޗެކެވެ.

މިހާރު ހޮލީވުޑްގެ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ރޮކް، 51، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބްލެކް އެޑަމް" އެވެ.