އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އިންޝުއަރެންސް ސްކީމް ހަމަޖައްސައި ދޭނެ ބަޔަކު ހޯދަން ތިން ވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފި އެވެ.
މިކަން އެންމެ ފުރަތަމަ ބީލަމަށްލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ ކުރީކޮޅު ވެސް ބީލަމަށްލި އެވެ.
ނަމަވެސް އެކަން ބާތިލުކޮށް ތިން ވަނަ ފަހަރަށް ބީލަމަށް ހުޅުވާލައި ކައުންސިލުން ބުނީ މިކަމަށް ކުރިމަތިލާން ޝައުގުވެރިވާ އިންޝުއަރެންސް ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 11 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން އަންނަ މާދަމާ މެންދުރު ފަހު 2:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހެ އެވެ. ރަޖިސްޓްރީވާން ޖެހެނީ މި މެއިލް މެދުވެރިކޮށެވެ.
ބީލަން ހުޅުވަން ހަމަޖެހިފައި ވަނީ 11 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގަ އެވެ.
ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިންޝުއަރެންސް ސްކީމަށް ތައާރަފުކުރަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އަދި އެކަމަށް "އައްޑޫ ޓްރަސްޓް ފަންޑް" އިން މިލިއަން ރުފިޔާގެ ލޯނެއް ވެސް ނަގަން ނިންމާފައިވެ އެވެ. ކައުންސިލުން އޭރު ބުނެފައިވާ ގޮތުގައި އެ އިންޝުއެރެންސް ސްކީމް ކުރިއަށް ގެންދާނީ އޭގައި ބައިވެރިވުމާއި ނުވުން މުވައްޒަފުންގެ އިހުތިޔާރުގައި އޮންނަ ގޮތަށެވެ.
މި ސްކީމާ ބެހޭ ގޮތުން މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ މި ސްކީމްގެ ދަށުން ބޭރުގެ ތިން ގައުމަކުން ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ލިބޭނެ ކަމަށެވެ. އެއީ އިންޑިއާ އާއި ލަންކާގެ އިތުރުން ތައިލެންޑެވެ. އޭނަ ވިދާޅުވެފައި ވަނީ މީގެ ސަބަބުން އާސަންދަ ނުލިބޭ ބަލިތަކަށް ކައުންސިލްގެ އިންޝޫރެންސް ޕެކޭޖުގެ ސަބަބުން މުވައްޒަފުންނަށް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.