Last Updated: April 25, 11:18
Thursday, April 25, 2024
ޚަބަރު

ސައިކަލު ހުންގާނު ތެރެއަށް ވަޅިއެއް ލައިގެން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު --

މާލޭގައި ސައިކަލުގެ ހުންގާނުގެ ތެރެއަށް ވަޅިއެއް ލައިގެން އުޅުނު ބަޔަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި މާލެއިން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ތެެރެއިން 23 އަހަރުގެ މީހާއަކީ ސ. ހުޅުދޫއަށް ނިސްބަތްވާ މީހެކެވެ. އަދި 28 އަހަރުގެ މީހާއަކީ ސ. ހިތަދޫއަށް ނިސްބަތްވާ މީހެކެވެ.

މި ދެމީހުން ވެސް ހައްޔަރު ކޮށްފައިވަނީ މާރާމާރި ހިންގުމަށް ބޭނުންކުރާ ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ. މި ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފައެވެ.

މި ދެމީހުންގެ ބަންދު މުއްދަތު ކޯޓުން ޖަހާފައިވަނީ ދެމީހުންގެ މައްޗަށްވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ހުރުމުންނެވެ. އެގޮތުން ސައިކަލުގެ ހުންގާނުގެ ތެރެއިން ވަޅިއެއް ފެނިފައިވުމާއި، ފުލުހުންގެ ހާދިސާ ރިޕޯޓުގައި ހުރި ވާހަކަތަކަށް ބަލާއިރު ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުރިކަމަށް ބުރަވެވޭ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ބަންދު ޖެހުމަށް ކޯޓަށް ގެންދިއުމުން މި ދެމީހުންވެސް ވަނީ ސައިކަލުގެ ހުންގާނުން ފެނުނު ވަޅިއަކީ އެމީހުންގެ އެއްޗެއް ނޫންކަމަށް ބުނެފައެވެ.

މި ދެމީހުންނަކީވެސް ހައްޔަރާއި ބަންދު ރެކޯޑާއި، މާރާމާރީގެ ރެކޯޑާއި، ހަތިޔާރު ގެންގުޅުމުގެ ރެކޯޑް އޮތް މީހުންނެވެ.