މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެކި ދާއިރާތަކުގައި ކެމްޕޭން ކުރުމަށް ހަރަކާތްތެރިވާ އެމްޑީޕީގެ ކެމްޕޭން ޓީމްތަކާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ކެމްޕޭން ޓީމްތަކާއެކު މިނިސްޓަރު ޝާހިދު ކުރިއަށް ގެންދިޔަ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީ އޮފީހުގައެވެ.
އެގޮތުން މިނިސްޓަރު ޝާހިދުވަނީ ހއ. ބާރަށު ދާއިރާ، ށ.ކަނޑިތީމު ކެމްޕެއިން ޓީމްތައް، ށ.ފޮނަދޫ ކެމްޕެއިން ޓީމްތައް، ހދ.ވައިކަރަދޫގެ ކެމްޕެއިން ޓީމްތައް، ހދ.ނޮޅިވަރަމްގެ ކެމްޕެއިން ޓީމްތައް އަދި ހއ.ދިއްދޫ ދާއިރާގެ ކެމްޕެއިން ޓީމްތަކާ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރު ޝާހިދަކީ ހއ. އަތޮޅު، ހދ. އަތޮޅު އަދި ށ. އަތޮޅުގެ ކޯޑިނޭޓަރެވެ. އެމްޑީޕީން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުންތަކުގައި ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހއ.ދިއްދޫ ދާއިރާގެ ކެމްޕެއިން ޓީމްތަކާއި މިނިސްޓަރ @abdulla_shahid ބައްދަލު ކޮށް ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ ގޮތުން ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.
#Ibu2023 pic.twitter.com/hj4aPhnqgZ
— MDP Secretariat (@MDPSecretariat) June 3, 2023
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާއިރު އެމަނިކުފާނާ ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ރިޔާސީ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ.