Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

"އިންޑިއާ އައުޓް" އަށް ޑިމޮކްރެޓްސްގެ ތާއީދު ނެތްކަން ހާމަކޮށްފި

ރޭގެ ހަރަކާތުގައި ޑިމޮކްރެޓްސްގެ ފަރާތުން މެންބަރު މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ- ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ހަރަކާތަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ތާއީދު ނެތްކަން އެ ޕާޓިން ހާމަކޮށްފިއެވެ.

އެކަން ބަޔާންކޮށް ދަ ޑިމޮކްރެޓްސް ޕާޓީން ބަޔާނެއް ނެރެފައިވަނީ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި ދަ ޑިމޮކްރެޓްސް ޕާޓީންވެސް ބައިވެރިވެގެން ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައި 'އިންޑިއާ އައުޓް' ބެނާތަކެއް ގެންގުޅުނު މައްސަލައިގައެވެ. ސޯޝަލްމީޑިއާގައި އެކި ފަރާތްތަކުން އަންނަނީ އެކަން ފާހަގަކުރަމުންނެވެ.

އެކަމާ ގުޅިގެން ދަ ޑިމޮކްރެޓްސް ޕާޓީން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ވަނީ، ރޭގެ ހަރަކާތުގެ ތެރޭގައި 'އިންޑިއާ އައުޓް' ބެނާތަކެއް ހިފައިގެން ބަޔަކު އުޅުމުގެ ފަހަތުގައި ސަރުކާރުގެ އަތެއްވާކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެކަމަކީ ރޭ ބޭއްވި ހަރަކާތުގެ މަގްސަދު އޮޅުވާލުމަށް ހިންގި ހަޑިމުޑުދާރު ކަމެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފައިވަނީ އެ ޕާޓީން އެފަދަ އެއްވެސް ހަރަކާތަކަށް އަދި ހާއްސަކޮށް އަވައްޓެރި އެއްވެސް ގައުމަކާ ދެކޮޅަށް ހިންގޭ ހަރަކާތަކަށްވެސް ތާއީދު ނުކުރާނެ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެޕާޓީގެ ޚާރިޖީ ސިޔާސަތުތައް ބައްޓަން ކުރާނީ އަވައްޓެރި ޤައުމުތަކާއި އެހެންވެސް ގައުމުތަކާއި ގާތްގުޅުމެއް ބާއްވާ ގޮތަށްކަމަށެވެ. އަދި ރާއްޖެއަށް ޑިމޮޮކްރަސީ ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކާއި ތަރައްގީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުން ކޮށްދެމުންދާ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ރޭގެ ހަރަކާތަކީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ހަރަކާތެއްކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކަމުގައި ސަރުކާރުން މަޖިލީހުގެ ބަހެއް ހޯދައިފައިނެތް މައްސަލައާއި ރައީސް ސޯލިހް ފޮނުވި ސިޓީ ސިއްރުކޮށްފައި އޮތް މައްސަލަ ފާހަގަ ކޮށްފައިވެއެވެ. އަދި ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެކަން ވެސް ފާހަގަ ކޮށްފައިވެއެވެ.