ޕީޕީއެމް މުޒާހަރާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި 5 މީހަކަށް ދައުވާ ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ 20 މާރިޗު 2023 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު، ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި، އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ.
އެގޮތުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ 3 މީހެއްގެ މައްޗަށް 31 މޭ ގައި އުފުލާފައިވެއެވެ. އެމީހުންނަކީ ހުޅުމާލެ 11328 ގޯތި، މުހައްމަދު އައްބާސްއާއި، ދަފްތަރު ނަންބަރު ރސ 9151، އަހުމަދު ރަޝީދު އަދި ހުޅުމާލެ ފްލެޓް 06-2-154، އަހުމަދު އަޒީލްއެވެ.
މީގެއިތުރުން ގއ. ދެއްވަދޫ އެސްޓަންވިލާ، އަހުމަދު ސިނާންއާއި، ށ. ބިލެތްފަހި ސޭޑީކޯނަރ، މަރްޔަމް މާޝާގެ މައްޗަށް އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ 16 މޭ 2023 ގައި ކޮށްފައިވާކަމަށެވެ.
ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް އިންނެވި ކާރުކޮޅު އެ ސަރަހައްދުން ދުރަށް ގެންދެވިފައިވަނީ 15 ވަރަކަށް މިނެޓްފަހުންނެވެ.