Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މަޝްރޫއުތައް ނިމޭ އިރު 7،000 އެނދު އޮޕަރޭޓް ވާނެ

މިހާރު ހިނގަމުންދާ ތަފާތު އެކި މަޝްރޫއުތައް ނިމުމުން އައްޑޫ ސިޓީގައި 7،000 ޓޫރިސްޓު އެނދު އޮޕަރޭޓް ވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ބިން ހިއްކުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓުގެ ތެރެއިން އައްޑޫގެ އެހެން ރަށްތަކަށް 700 ޓޫރިސްޓު އެނދު އިތުރުވާނެ ކަމަށާއި އަދި ހަންކެޑެ ޕްރޮޖެކްޓަކީ ޖުމްލަ 2،782 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް ކަމަށެވެ. މި ޕްރޮޖެކްޓް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފަ އެވެ.

"މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫއުތައް ނިމޭއިރު ޖުމްލަ 7،000 ޓޫރިސްޓު އެނދު އައްޑޫ ސިޓީގައި އޮޕަރޭޓް ވެގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ގޮތުގައި އައްޑޫގެ ޝަންގްރިއްލާ ރިސޯޓު ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެގޮތުން މިދިޔަ މާޗު މަހުގެ ތެރޭގައި ހިއްސާ ބަދަލުކުރުމުގެ ލިޔުންތައް ސަރުކާރުން ޝަންގްރިއްލާ ހިންގާ ފަރާތާއި ހިއްސާކޮށްފައިވާނެ ކަމަށާއި އެކަން ނިމުމާއެކު ބޭނުންވާ ބަދަލު ގެނެވި، ޝަންގްރިއްލާ ހުޅުވިގެން ހިނގަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެސްޑީއެފްސީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް ވެސް އައްޑޫ އަށް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު އައްޑޫން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް ދިގު މުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓް ހައުސް އަޅައި ނިންމައިދެވޭނެ ކަމަށާއި މިއީ ދިގު މުއްދަތުން ފައިސާ އަނބުރާ ދައްކާ މަޝްރޫއެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެގޮތަށް ދޫކޮށްފައިވާ 73 ބިމެއް އެބައޮތް ކަމަށާއި އޭގެތެރެއިން 44 ފަރާތަކުން 58 ބިމުގައި ގެސްޓްހައުސް އިމާރާތް ކުރަން އެދިފައިވާ ކަމަށެވެ. މިއީ ޖުމްލަ 2،870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫއެއްކަން ރައީސް ފާހަގަކުރެއްވި އެވެ.