Last Updated: April 25, 20:50
Thursday, April 25, 2024
ކުޅިވަރު

އެފްއޭކަޕްގެ ޗެމްޕިއަންކަން ސިޓީ އަށް

އިނގިރޭސި އެފްއޭކަޕްގެ ފައިނަލްގައި 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށްފަހު މެންޗެސްޓާ ސިޓީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީން އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދި 7 ވަނަ ފަހަރެވެ. ސިޓީ އަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް އަދި އެބައޮތެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލްގައި ސިޓީ ބައްދަލުކުރާނީ އިންޓަ މިލާނާ އެވެ.

މިހާތަނަށް އެއް ސީޒަނެއްގައި ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނު ހަމައެކަނި އިނގިރޭސި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 12 ވަނަ ސިކުންތުގެ ތެރޭގައި އިލްކާއި ގުންޑޮގާން ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ގުންޑޮގާން ކާމިޔާބު ކުރި މި ގޯލަކީ އެފްއޭކަޕްގެ ފައިނަލްގެ ތާރީހުގައި ވެސް ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

މި ގޯލަށްފަހު ވެސް ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 33 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ލިބުނީ ސިޓީގެ ޖެކް ގްރީލިޝްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 51 ވަނަ މިނެޓްގައި ގުންޑޮގާން ވަނީ ސިޓީ އަށް އަލުން ލީޑު ނަގައިދީފަ އެވެ. މި ގޯލު ވެސް ގުންޑޮގާން ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ލީޑު ފުޅާކޮށްލަން ސިޓީ އަށް ފުރުސަތުތަކެއް ލިބުނުއިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑުން ފޮނުވާލި ހަމަލާއެއް ސިޓީގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.