Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ސިއްޙީ ދާއިރާގެ ކުރިއެރުމުން ރައީސަށް ޝުކުރު

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އައްޑޫސިޓީ ކައުންސިލާއި ބައްދަލު ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

އައްޑޫސިޓީގެ ސިއްޙީ ދައިރާއަށް ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރުން ހޯދައިދީފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް އައްޑޫއަށް ކުރައްވަމުން ގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގައި، ރޭ އައްޑޫސިޓީ ކައުންސިލާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ. އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ މެންބަރުންނާއި އެކު، ސަރުކާރުގެ އިސް ވަފުދެއް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އައްޑޫސިޓީ ކައުންސިލާއި ބައްދަލު ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ވަނީ އައްޑޫގެ ސިއްޙީ ދައިރާއަށް މި ސަރުކާރުން ހޯދައިދީފައިވާ ކުރިއެރުންތައް ފާހަގަކޮށް އެކަންކަމަށް ރައީސް އަރިހު ޝުކުރު އަދާކޮށްދެއްވާފައެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ތައާރަފްކުރެވިފައިވާކަން ފާހަގަކޮށް އަދި ހޮސްޕިޓަލުގެ ކެތްލެބްގެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތްވެފައިވާކަން ސިޓީ ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ހުޅުމީދޫގެ ޞިއްހީ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ހައްލު ކޮށްދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ވެސް ސިޓީ ކައުންސިލު މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އައްޑޫސިޓީ ކައުންސިލާއި ބައްދަލު ކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ބައްދަލުވުމުގައި ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމުގެ އިތުރަށް، އައްޑޫގެ ރައްޔިތުނަށް މިހާރު ދިމާވެފައިވާ ބައެއް މައްސަލަތައްވެސް ކައުންސިލުން ވަނީ ރައީސްއާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން އައްޑޫގެ މަސްވެރިންނަށް މިހާރު ހުރި ދަތިތަކުގެ އިތުރުން، ކުނި މެނޭޖް ކުރުމުގެ ޙިދުމަތައް މިހާރު ދިމާވެފައިވާ ދަތިތައް ރައީސް ސިޓީ ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. މިއާއެކު އިޖްތިމާޢީ އިޤްތިޞާދީ ދައިރާއިން އައްޑޫސިޓީ ކުރެވިދާނެ ބައެއް ކަންކަން ކައުންސިލް މެންބަރުން ވަނީ ރައީސްއަށް ފާހަގަކޮށްދެއްވާފައެވެ.

ބައްދަލުވުމުގައި ކައުންސިލް މެންބަރުންގެ ހުރި ކަންބޮޑުވުންތައް އަޑު އަށްސަވައި މަސްވެރިނަށް ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތް ތަކެއް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އައްޑޫއަށް ކުރައްވާ މި ދަތުރުފުޅުގައި، އީއްޔެ ވަނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވާފައެވެ. އަދި ރޭ ފޭދޫ އެމްޑީޕީ ހަރުގެ ދިދަ ނަންގަވައި ދެއްވައި ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވާ އިރު އެސަރަހައްދުގައި ފޭދޫ ރައްޔިތުންނާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.