Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

މެސީގެ ފަހު މެޗުން ޕީއެސްޖީ ބަލިވެއްޖެ

ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އެ ކްލަބަށް ކުޅެދިން ފަހު މެޗުގައި ރޭ ކްލެމޮންޓް އަތުން 3-2 އިން ޕީއެސްޖީ ބަލިވެއްޖެ އެވެ.

މެސީ ،35، ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު އޭނާ ވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އާނުކުރަން ނިންމައިފަ އެވެ. މެސީ ހޯދުމަށް އޭނާ ކުރިން ކުޅުނު ބާސެލޯނާ އާއި ސައުދީ އަރަބިއްޔާ އަދި އެމެރިކާ ލީގުގެ ބައެއް ކްލަބުތަކުން ޝައުގުވެރިވެ އެވެ.

ޕީއެސްޖީގައި މެސީ ހޭދަކުރި ދެ އަހަރުތެރޭ އޭނާ ވަނީ އެ ކްލަބަށް 75 މެޗު ކުޅެދީ 32 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މެސީގެ އިތުރުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ވެސް މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.

ފްރެންޗް ލީގުގެ ފަހު މެޗަށް ރޭ ނިކުތްއިރު ވެސް ލީގު ޗެމްޕިއަންކަން ޕީއެސްޖީން ކަށަވަރުކޮށްފައިވާއިރު މި މެޗުގެ ފުރަތަމަ 25 މިނެޓްތެރޭ އެޓީމުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ޕީއެސްޖީގެ ފުރަތަމަ ގޯލު މެޗުގެ 16 ވަނަ މިނެޓްގައި ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން އިރު މެޗުގެ 21 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ.

މެޗުގެ 24 ވަނަ މިނެޓްގައި ކްލެމޮންޓްގެ ފުރަތަމަ ގޯލު ގަސްޓިއަން ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ޒެފަން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 63 ވަނަ މިނެޓްގައި މި މެޗުން މޮޅުވި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކިއޭއީ އެވެ.

ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދީ 85 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެވަނައިގައި 84 ޕޮއިންޓާ އެކު ނިންމާލީ ލެންސް އެވެ. މިއީ ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދި 11 ވަނަ ފަހަރެވެ.