Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އައްޑޫގެ ދެ ޓޫރިޒަމް ޒޯނެއް އިފުތިތާހުކޮށްފި

އައްޑޫގެ ޓޫރިޒަމް ދެ ޒޯނެއް އިއްޔެ ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ އައްޑު އަށް ފެއްޓެވި ދަތުރުގެ ހަވާސާގެ ތެރެއިން ފޭދު އާއި ހިތަދޫގެ ޓޫޒިޒަމް ޒޯން އިފުތިތާހުކޮށް ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އައްޑޫ މޭޔަރުގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ސްޓޭޓް މިނިސްޓަރު ވީ. މުރަލީދަރަންގެ އިތުރުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސްރީ މުނޫ މަހާވަރަން އެވެ.

މި ބޭފުޅުން އިއްޔެ ހަވީރު އިފުތިތާހުކޮށް ދެއްވީ ހިތަދޫ ފަޅޯދަޑިފައްނު ޓޫރިޒަމް ޒޯނާއި ފޭދޫ ދިގިހެރަ ޓޫރިޒަމް ޒޯނެވެ.

އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށާއި އައްޑޫގެ ޓޫރިސްޓް އެނދު 8،000 އިތުރުކުރަން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ބުނެ އައްޑޫގައި ކައުންސިލުން ފަސް ޓޫރިޒަމް ޒޯނެއް 2020 ގައި ކަނޑައަޅާފައިވެ އެވެ. އެ ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިށި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ.

މި ޒޯންތަކުން 98 ބިމެއް އެކި ފަހަރު މަތިން އެކި ފަރާތްތަކަށް ކުއްޔަށް ދިން ނަމަވެސް އެއްވެސް ޒޯނެއްގައި މިހާތަނަށް ޓޫރިސްޓް ފެސިލިޓީއެއް ހެދިފައެއް ނެތެވެ.


ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކައުންސިލުން ބޭއްވި ޓޫރިޒަމް ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނީ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކަށް އެ ތަންތަނުގައި ޓޫރިސްޓް ފެސިލިޓީތައް ހަދަން ފައިސާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް މެދުވެރިކޮށް ކަމަށާއި ފައިސާގެ ކަންކަން ހަމަޖެހިފައި ހުރި ކަމަށެވެ.

އިއްޔެ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އައްޑޫގައި މިހާރު ހިނގަމުން އަންނަ ތަފާތު އެކި މަޝްރޫއުތައް ނިމުމުން އައްޑޫގައި 7،000 ޓޫރިސްޓު އެނދު އޮޕަރޭޓްވާން ފަށާނެ ކަމަށެވެ.

އައްޑޫގެ ޓޫރިޒަމަށް މިހާރު ރަށްތަކަށް ވެސް ހިއްކަމުން އަންނަ އިރު، ހަންކެޑެ އިންޓަގްރޭޓް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ މި އަހަރު ހަވާލުކޮށްފައިވެ އެވެ.