ކަލާސް ޓީވީން ވަރަށް އަވަހަށް ގެނެސްދޭން ހަމަޖެހިފައިވާ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ސީޒަން 13 ގެ ޕްރޮމޯތަކެއް ދައްކާލައިފި އެވެ.
މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ޝޯގެ ޕްރޮމޯތަކެއް ދައްކާލި އިރު، މި ޝޯ މިހާރު އަންނަނީ ދެކުނު އެފްރިކާގައި ޝޫޓްކުރަމުންނެވެ. އަދި ޝޯގެ ޕްރޮމޯތަކެއް ދައްކައިލި ނަމަވެސް "ހަތުރޯން ކޭ ކިލާޅީ 13" ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބެކެވޭ ގޮތުން އަންނަ މަހުގެ ތެރޭގައި ޝޯ ބެލުންތެރިންނަސް ދޫކޮށްލާނެ އެވެ.
އިންޑިއާގެ މަޝްހޫރު ޓީވީ ސެލެބްރިޓީންނާ އެކީ ގެނެސްދޭ "ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ ޝޯ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަނެވެ. މި ފަހަރު ގެ ސީޒަނުން ވެސް މަޝްހޫރު ސެލެބްރިޓީންތަކެއް ފެންނާނެ އެވެ.
އޭގެ ތެރޭގައި ސިލްސިލާ "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ގައި ޕާކީގެ ރޯލު ނިމުމަކަށް އައި އައިޝްވާރިއާ ޝަރުމާ އާއި އެކްޓަރު އަރިޖިތު ތަނޭޖާ އާއި ރޯހިތު ރޯއި އާއި "ބިގް ބޮސް 16" ގައި ވާދަކުރި ޝިވް ތާކްރޭ އާއި އަރްޗަނާ ގޯތަމާއި ޝީޒާން ޚާނާއި ރޫހީ ޗަތުރަވެދީ އާއި އަންޖުމް ފާކިހް އާއި ޑީނޯ ޖޭމްސް އާއި ނައިރާ ބެނަޖީ އާއި އަންޖަލީ އާނަންދު އަދި ސައުންދަސް މުފާކިރާ ހިމެނެ އެވެ.
މިދިޔަ އަހަރު ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން ކާމިޔާބުކޮށްފައި ވަނީ ކޮރިއޮގްރާފަރެއް ކަމަށްވާ ތުޝާރް ކާލިއާ އެވެ.