މަރަދު އާއި މަރަދޫ ފޭދޫގެ ބިން ހިއްކައި ނިމެންވާ އިރަށް އަންނަ އޮގަސްޓް މަހުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ތައްޔާރު ކުރުމަށް މަސައްކަތް ފަށާނެ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހި ބައިވެރިވެވަޑައިގެން އިއްޔެ ވަނީ އައްޑޫ ބިން ހިއްކުން ރަސްމީކޮށް ފައްޓަވައި ދެއްވައިފަ އެވެ. އެ ރަސްމީއްޔާތުގައި ނިޒާރު ވަނީ ހިއްކާ ބިންތަކުގެ ބޭނުން ރައްޔިތުނަށް ވީހާވެސް އަވަހަށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވެފައެ ވެ.
އެގޮތުން މަރަދު އާއި މަރަދޫފޭދޫގެ ހިއްކަން ހަމަޖެހިފައިވާ ބިމުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް، ރައްޔިތުންނާ މަޝްވަރާ ކުރަން އަންނަ މަހު ފަށާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"އަދި މި ބިމުގެ ޕްލޭންތައް ހިއްކައި ނިމޭ އިރަށް، އޯގަސްޓް މަސްތެރޭ ބިން ޕްލޭން ކުރުމުގެ މަސައްކަތް ފަށާނަން. އަޅުގަނޑުމެން ބަޖެޓުގައި ފައިސާ އެބަހުރި މިކަން ކުރަން. މިއީ މިހެން ދައްކާ ވާހަކައެއް ނޫން." އޭނަ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ބިން ޕްލޭންކޮށްގެން މަރަދު އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ބިން ބޭނުން ކުރުމަށްޓަކައި ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅައި މަސައްކަތް ފެއްޓުމަށް ހުޅުވައިލާނެ ކަމަށެވެ.

ބިންތަކުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ދާދި އަވަހަށް މަސައްކަތް ފަށާނެ ކަމަށް ކައުންސިލުން ހާމަކޮށްފައިވާ އިރު، އައްޑޫގެ އަވަށްތަކުގެ ލޭންޑް ޔޫޒް ޕްލޭން ދާދި ފަހުން ކައުންސިލުން ވަނީ އަމިއްލަ އަށް ތައްޔާރުކޮށް ކަމާބެހޭ މިނިސްޓްރީތަކަށް ހުށަހަޅައި ފައެވެ.
މި މަސައްކަތްކޮށްފައި ވަނީ ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ.