ކޮވިޑްގެ ތެރޭގައި ބަންދުކުރި އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްގައި ހިމެނޭ ހިމެނޭ ސަރުކާރު 30 ޕަސެންޓް ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިއުންތައް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އައްޑޫ ބިން ހިއްކަން ފެށުން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް މަރަދޫގައި އިއްޔެ ހަވީރު އޮތް ރަސްމިޔާތުގައި ރައީސް ވިދާޅުވީ، ދެމެހެއްޓެނިވިކޮށް ޝަންގްރިއްލާ ރިސޯޓް ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް އެ މަނިކުފާނުގެ ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ. އެހެންވެ ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އެ ރިސޯޓް ހިންގަން ފަށަން އޮތް ހުރަހަކަށް ނަހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިދިޔަ މާޗް މަހުގެ އަށާރަ ވަނަ ދުވަހު ހިއްސާ ބަދަލުކުރުމުގެ ލިއުންތައް ސަރުކާރުން އެ ފަރާތާ [އައްޑޫ އިންވެސްޓްމަންޓާ] ހިއްސާކޮށްފިން،" ރައީސް ވިދާޅުވި އެވެ. "އެކަން ނިމުމާ އެކު ބޭނުންވާ ބަދަލު ގެނެވި، ޝަންގްރިއްލާ ހުޅުވި، ހިންގަން ފެށޭނެ." ރައީސް ވިދާޅުވި އެވެ.

އެ ރިސޯޓްގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމީ ޓޫރިޒަމް ގާނޫނަށް އިސްލާހުތަކެއް ވެސް ގެނައުމަށް ފަހު އެވެ. އަދި ސަރުކާރުން ބުނެފައި ވަނީ ހިއްސާ ދޫކޮށްލަން 80 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށެވެ.
ދެހާސް އަށެއްގައި ހުޅުވި އަދި 2020 ބަންދުކުރި ޝަންގްރިއްލާ އަކީ އައްޑޫ އިންވެސްޓްމަންޓްގެ 70 ޕަސެންޓް އޮންނަ ރިސޯޓެކެވެ. އަދި އެ ރިސޯޓް ވިއްކާލަން މިހާރު އޮތީ އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕާ ހަވާލުކޮށްފަ އެވެ.
ޝަންގްރިއްލާ ރިސޯޓް ގަންނަނީ ރާއްޖޭގެ ޕްފައިވެޓް އެއާލައިން، މަންޓާ އެއާ ހިންގަމުން އަންނަ ރިއޯލޯ ކުންފުނިންނެވެ.
ކޮވިޑްގެ ތެރޭގައި 2020 ގެ ޖޫންގެ ތެރޭގައި ޝަންގްރިއްލާ ބަންކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވެ އެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު، ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައިސްފައި ވަނީ މާ ލަސްތަކެއް ނުވެ ޝަންގްރިއްލާ ހުޅުވާނެ ކަމަށެވެ.