Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ލިއޮނާޑޯގެ ހިތް އިންޑިއާ މީހަކަށް

"ޓައިޓޭނިކް" ކުޅެގެން މަޝްހޫރުވި ހޮލީވުޑްގެ ތަރި ލިއިނާޑޯ ޑި ކެޕްރިއޯގެ ލޯބީގެ ވާހަކަތައް ވަރަށް ގިނަ އެވެ. މިހާތަނަށް ވަރަށް ގިނަ މީހުންނާ އޭނަ ރައްޓެހިވި ނަމަވެސް 48 އަހަރުގެ އެކްޓަރު އަދި ހުރީ ކައިވެންޏެއް ނުކޮށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މީޑިއާތަކުގައި އެންމެ ހޫނުކޮށް ދެކެވުނު އެއް ވާހަކަ އަކީ ލިއޮނާޑޯ އާއި އެމެރިކާގެ މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑް ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ. އެކަމަކު މިހާރު އެ އަޑުތައް މަޑުވެ، އެ ދެ މީހުންގެ މެދުގައި އުފެދުނު ގުޅުން ވެސް ނިމުކަކަށް ވަނީ އައިސްފަ އެވެ.

އެއާ އެކީ މިހާރު ލިއޮނާޑޯއާ އަނެއްކާ ވެސް އާ މީހަކާ އަޅުވާ ކިޔައި ދެކެވޭ ވާހަކަތައް ވަނީ އިތުރުވާން ފަށައިފަ އެވެ. މި ފަހަރު ނީލަމް ގިލް ކިޔާ މޮޑެލްއަކާ އެވެ. މިދިޔަ އެޕްރީލް މަހު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އުމުރުން 28 އަހަރުގެ ނީލަމަކީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސި މޮޑެލްއެކެވެ. މިދިޔަ މަހު ބޭއްވި ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ބައިވެރިވި ނީލަމަކީ 14 އަހަރުން ފެށިގެން މޮޑެލްކުރަމުން އަންނަ މީހެކެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ލިއޮނާޑޯ އާއި ނީލަމް އެކީގައި ލަންޑަނުން ފެނިފައިވެ އެވެ. އަދި ދެ މީހުންނާ އެކީ ނީލަމްގެ މަންމަ ވެސް އުޅުނު ކަމަށެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ލިއޮނާޑޯ އާއި ނީލަމާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ނަމަވެސް ލިއޮނާޑޯ އަކީ އެއް އިރެއް ވެސް އޭނަގެ އަމިއްލަ ޒާތީ ވާހަކަތައް މީޑިއާތަކުގައި ދައްކާ މީހަކަށް ނުވާތީ ނީލަމްއާ އޮތީ ކޮން ގުޅުމެއް ކަމެއް މުޅިއަކުން ކަށަވަރު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ ލިއޮނާޑޯ އަކީ ލޯބިވެރިން ބަދަލުކުރުމުގައި ދިގު ރެކޯޑެއް އޮތް މީހެއް ކަމަށެވެ.

ކާމިޔާބު އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު 20 އަށް ތާވަލުކޮށްފައި އޮތް ކްރައިމް ޑްރާމާ "ކިލާސް އޮފް ދަ ފްލާވާ މޫން" އެވެ. މި ފިލްމު މިދިޔަ މަހު ކާންސްގައި ޕްރީމިއާކުރި އެވެ.