Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

'އިންޑިއާ އައުޓް' ބެނާގެ ތުހުމަތު ސަރުކާރުން ދޮގުކޮށްފި

ދެކުނުގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ގުޅިގެން ހުކުރު ދުވަހުގެ ރޭ ކުރިއަށްގެންދިޔަ ހަރަކާތުގައި 'އިންޑިއާ އައުޓް' ބެނާއެއް ދަމާފައިވަނީ ސަރުކާރުން ފޮނުވި ބައެއްކަމަށް ކުރި ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފިއެވެ.

ކަނޑުގެ މައްސަލައިގައި ބޭއްވި ހަރަކާތުގައި "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާއެއް ދެމުމުގެ އިތުރުން "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ލައިގެން ތިބި ބަޔަކު ވެސް ހަރަކާތްތެރިވެފައިވެއެވެ.

އެކަމުގައި އެންމެ ފުރަތަމަ ބަޔާނެއް ނެރެފައިވަނީ ކުރީގެ ރައިސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތައް އިސްވެތިބެ އުފައްދާފައިވާ 'ދަ ޑިމޮކްރެޓްސް' ޕާޓިންނެވެ. އެޕާޓިން ނެރުނު ބަޔާނުގައި ވަނީ، އެހަރަކާތުގެ ތެރޭގައި 'އިންޑިއާ އައުޓް' ބެނާތަކެއް ހިފައިގެން ބަޔަކު އުޅުމުގެ ފަހަތުގައި ސަރުކާރުގެ އަތެއްވާކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެކަމަކީ ހަރަކާތުގެ މަގްސަދު އޮޅުވާލުމަށް ހިންގި ހަޑިމުޑުދާރު ކަމެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ އައުޓް ބެނާއާއެކު ޖަލްސާގެ ތެރެއަށް ބަޔަކު ފޮނުވާ ޖަލްސާގެ މިސްރާބު ބަދަލުކޮށްލުމުގެ ފިނޑި އަދި ނާތަހުޒީބު އަމަލު ހިންގުމުގެ އަޑީގައި ތިބީ ސަރުކާރުގެ ވެރިން ކަމަށެވެ. އެކަން ކޮށްފައިވަނީ ސަރުކާރުން ފަންޑުކޮށްގެން ފޮނުވި ބައެއް ކަމަށާއި ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިތުހުމަތުތަކާ ގުޅިގެން 'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި ވިދާޅުވީ އެކަމަކީ ސަރުކާރުން ކުރިކަމެއް ނޫން ކަމަށެވެ.

"އެއްގަލަކަށް ނޭރޭ ސިޔާސީ ބޭފުޅުން އެއްބަޔަކު އަނެއްބަޔަކަށް ލަނޑުދިނީމަ، އެކަމުގެ ތެރެއަށް ސަރުކާރު ވައްދަން އުޅެނީ." މިއުވާން ވިދާޅުވިއެވެ.

'އިންޑިއާ އައުޓް' ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ. އެހާ ހިސާބުން އެ ހަރަކާތް ވަނީ މަޑުޖައްސަލާފައެވެ.