އިންޑިއާ އިން ބޭރު އައި މީހަކަށްވާތީ ބޮލީވުޑަށް ނުކުމެ ކުރިއަށް ދާން މަސައްކަތް ފެށުމުން އިންޑަސްޓްރީ ތެރެއިން އެންމެ ބޮޑަށް ލިބުނު ލަފަ އަކީ ބަތަލާ ކެޓްރީނާ ކައިފަށް ވާން މަސައްކަތްކުރަން ކަމަށް ބަތަލާ ނޯރާ ފަތުހީ ބުނެފި އެވެ.
ނެށުމުގެ ހުނަރުން މުޅި އިންޑިއާ ފަތަހަކޮށްފައިވާ ހުނަރުވެރިޔާ ބީބީސީ އޭޝިއަން ނެޓްވޯކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަ ބޮލީވުޑަށް ނުކުންނަން، އިންޑިއާ އަށް ދިިޔަ ދުވަސްވަރަކީ ކެޓްރީނާގެ މަގުބޫލުކަމާއި ނުފޫޒު ބޮޑުވަމުން އައި ދުވަސްވަރު ކަމަށެވެ.
މިހާރު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ އަކީ އިންޑަސްޓްރީ އަށް ނުކުތް އިރު، ހިންދީ ބަހުން ވާހަކަ ވެސް ދައްކަން ނޭނގޭ މީހެކެވެ. އެކަމަކު އޭނަގެ ރީތި ސިފަ އާއި ނެށުމުގެ ހުނަރު ފަދަ ކަންކަމާއި ބުރަކޮށް މަސައްކަތް ކުރަން ފެށުމުގެ ނަތީޖާ އަކީ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުން ފުރުސަތު ލިބި، އެންމެ މަޝްހޫރު ތަރިންނާ އެކީ ފިލްމު ކުޅެން ލިބި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޝްހޫރު ބަތަލާއަކަށްވުމެވެ.
އެހެންވެ ކެޓްރީނާ ނަމޫނާއަކަށް ބަލައިގެން ކުރިއަށް ދާން ވަރަށް ގިނަ ބަޔަކު ނަސޭހަތް ދިން ކަމަށް ނޯރާ ބުންޏެވެ.
"ގިނަ ބަޔަކު ބުނީ ކެޓްރީނާ ހިނގި މަގުން ހިނގައިގެން ނޫނީ ބޮލީވުޑްގެ މާ ނަން ހިނގާ ބަތަލާއަކަށް ނުވާނޭ، ކުރިއަށްދާކަށް މާ ފަސޭހައެއް ނުވާނޭ." އެތައް ލަވައެއްގައި ނެށުމުގެ ގުނަރު ދައްކާކލައިގެން ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ނޯރާ ބުންޏެވެ.
އޭނަ ބުނި ގޮތުގައި އެއް އިރެއްގައި ވެސް ވަކި މީހަކަށް ވާކަށް ބޭނުމެއް ނޫނެވެ. އަދި އެކަމަށް މަސައްކަތެއް ވެސް ނުކުރެ އެވެ.
"އެހެންވެ އަހަންނަކީ އެއްވެސް އިރަކު އިންސެކިއޯވި މީހެއް ނޫން. އަބަދު ވެސް އަމިއްލަ ގޮތުގައި، އަމިއްލަ ހުނަރުން ކުރިއަށް ދާން." ނޯރާ ބުންޏެވެ.
އޭނަ ބުނި ގޮތުގައި މިހާރު އާދެވިފައި ހުރި ހިސާބަށް ދެބުނީ އަމިއްލަ ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކީ ކުރި މަސައްކަތުންނެވެ. އެކަމަކު ބޮލީވުޑް ދަތުރު އެއްގޮތަކަށް ވެސް ފަސޭހަ ނޫން ކަމަށް ނޯރާ ބުންޏެވެ. ބަތަލާއަކަށް ވުރެ ބޮޑަށް ނޯރާ މަޝްހޫރީ ކުޅަދާނަ ނެށުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު އޭނަ އަންނަނީ ފިލްމުތަކުގައި ތަފާތު ރޯލުތައް ވެސް ކުޅެމުންނެވެ.
ނޯރާ، 31، އަކީ މިހާރު އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ ޑާންސް ޝޯތަކުގެ ޖަޖްކަން ކުރަން ވަރަށް ގިނައިން ފުރުސަތު ލިބޭ މީހެކެވެ.