Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ލަންކާ ތަރައްގީވެފައިވާ ގައުމަކަށް 2048 ގައި

ދެހާސް ސާޅީސް އަށެކާ ހަމައަށް އަންނަ އިރު ފުރިިހަމަ އަށް ތަރައްގީވެފައިވާ ގައުމަކަށް ސްރީ ލަންކާ ހަދަން އަމާޒު ހިފާފައިވާ ކަމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވީ ފާއިތުވި ދެތިން އަހަރު ލަންކާ އަށް މާލީ ގޮތުންނާއި އިގުތިސާދީ ގޮތުން ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ލަންކާ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި 2048 އާ ހަމައަށް އަންނަ އިރު، އެ ލަނޑުދަނޑި ހާސިލުކުރެވޭނެކަމުގެ އުންމީދު ވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.

ކުރިން ލަންކާގެ ބޮޑުވަޒީރުކަން ވެސް ކުރެއްވި ލީޑަރު ވިދާޅުވި ގޮތުގައި އިގުތިސާދީ ގޮތުން ފުންތެރި، އުފެއްދުންތެރި ގައުމަކަށް ލަންކާ ހަދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެގޮތުން އެކި ސިނާއަތްތައް ފުޅާކޮށް ހަރުދަނާކުރުމާއި ގައުމުގެ ބޮޑެތި ކުންފުނިތައް ފައިދާވާ ކުންފުނިތަކަށް ހެދުން ފަދަ ކަންކަމަކީ އިސްކަންދޭން ޖެހޭ ކަންކަން ކަމަށް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވީ ގައުމުގެ ހާލަތު ރަނގަޅު ކުރަން މިހާރު ފަށާފައިވާ މަސައްކަތާ އެކީ އަމާން މަންޒިލަކަށް ދެވޭނެ ކަމަށާއި މުޅި ގައުމުގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ވެސް މުހިއްމު ކަމަށެވެ.

"އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން މިކަން ކާމިޔާބު ކުރެވޭނެ." އޭނަ ވިދާޅުވި އެވެ.

ރަނިލް ވިދާޅުވީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރާ ހޭދަތައް ކުޑަކުރުމާއި އާންމުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި ފުރުސަތުތައް ފަހިކޮށް ދިނުމާއި އޮޓޮމޭޝަނާއި ޑިޖިޓައިލޭޝަނަށް ކުރާ މަސައްކަތްތައް ފުޅާކޮށް ހަރުދަނާކުރަން ޖެހެ އެވެ.

އެގޮތުން ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެކީ ލަންކާ އަކީ އެހެން ބަޔަކަށް ބަރޯސާނުވެ ކުރިއަށް ދެވޭ ގައުމެއްގެ ގޮތުގައި ބިނާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.