ރިޔާސީ އިންތިހާބާ ކައިރިކޮށް އެކި މަޝްރޫއުތައް ފައްޓަކީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވާ އެއާޕޯޓްގެ މަސައްކަތް ފެށުމަށް ނިންމާފައި އޮތުމުންނެވެ.
"ރިޔާސީ އިންތިހާބަށް 3 މަހަށް ވީމާ ތިޔަ ފައްޓާ ޕްރޮޖެކްޓްތައް ގުޅެނީ ވޯޓަށް ނުފޫޒު ފޯރުވުމާ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވިކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޖަލަށްލާފައި، ވަޒީފާ ބަހައި ވޯޓަށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިހާބަކީ އިންސާފުވެރި އަދި މިނިވަން އިންތިހާބަކަށް ނުވާނެ ކަމަށެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާއިރު އެމަނިކުފާނާ ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ރިޔާސީ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ.
އިންތިހާބު ކައިރިވާއިރު ރައިސް ޔާމީން ޖަލުގައި އޮންނަވާތީ ކެމްޕޭން ކުރުމުގެ ފުރުސަތު ނުލިބޭކަން ފާހަގަކޮށް އިދިކޮޅުން އަންނަނީ އެކަމުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި އެމަނިކުފާނުގެ އިސްތިއުނާފު މައްސަަލ ކުރިއަށް ނުދާތީ އެކަމުގައިވެސް ކަންބޮޑުވުން ފާޅުކަމުންގެންދެއެވެ.