އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ދާ ގޮތް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައްލަވައި ލައްވައިފިއެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސާލިޙް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެމަނިކުފާނު ވަނީ އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމެޓީއާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮޮމެޓީ މެންބަރުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ އަޑު އައްސަވާފައެވެ. އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމަށް ފަހު އެމަނިކުފާނު ވަޑައިގެންނެވީ އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށެވެ.

ހިތަދޫ ދެކުނު ދައިރާގައި ތާރު އަޅައި ނިމިފައިވާ މަގުތައް މި ސަރަހައްދުގައި އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. މި ސަރަހައްދުގައި ހިތަދޫ ކޮރޮވަލި ދައިރާގެ ކައުންސިލް މެންބަރު ޝިނާޒް އިބްރާހިމް މޫސާ ވިދާޅުވީ، ރައީސް އައްޑޫސިޓީ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މަގު ހެދުމުގެ މަޝްރޫޢު ފެށިގެން އައިއިރު 60 ކިލޯމީޓަރު މަގުގެ ސީޓީބީ ލޭޔަރ އެޅުމާއި މެދު ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް މިހާރު އައްޑޫގެ ހުރިހާ މަގެއްވެސް ގައު ނުވަތަ ތާރު އަޅައި ނިންމާ ގޮތަށް ނިންމާފައިވާ ކަން ފާހަގަކޮށް ރައީސް އަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ބައްލަވާލައްވާ އެ ސަރަހައްދުގެ ރައްޔިޔުންނާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން އެ ސަރަހައްދުގެ ރައްޔިތުންގެ ހާލު ބައްލަވައި ބައެއް ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައްވެސް އެމަނިކުފާނުވަނީ އައްސަވާފައެވެ. އެ ސަރަހައްދުން އެމަނިކުފާނަށް ލިބިފައިވަނީ ވަރަށްވެސް ހޫނު މަރުހަބާއެކެވެ. އަދި މަގު ހެދުމުގެ މަޝްރޫޢުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބިފައިވާކަން އެ ސަރަހައްދުގެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި މިއަދު އައްޑޫސިޓީ ގަން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާނެއެވެ. އެއާޕޯޓް ތަރައްޤީގެ މަޝްރޫޢު އަކީ އަހަރަކުގެ 1.5 މިލިއަން ފަސިންޖަރުންނަށް ޙިދުމަތް ދެވޭ ގޮތަށް ކުރިއަށް ގެންދާ ބިޔަ މަޝްރުޢުއެކެވެ. މިއީ އައްޑޫގެ ފަތުރުވެރިކަމާއި އިޤްތިޞާދާއި ގުޅިފައިވާ މުހިންމު މަޝްރޫޢުއެކެވެ.