Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޔާމީންގެ ހުކުމުގެ އިސްތިއުނާފު ބުދަ ދުވަހު ފަށަނީ

ރައީސް ޔާމީން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ބުދަ ދުވަހު ފަށަން ހައިކޯޓުގައި ތާވަލު ކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަަލައިގަނެފައިވަނީ އޭޕްރިލް މަހުގެ ކުރީކޮޅުއެވެ.

މި ހުކުމް ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ވ. އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރުވެސް އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.

އިސްތިއުނާފު މައްސަލަ ބަލައިގަތްތާ ދެމަސް ފަހުން އިސްތިއުނާފު އަޑުއެހުންތައް ފެށުމަށް ތާވަލު ކޮށްފައިވާއިރު، އިސްތިއުނާފު މައްސަލަ ފެށުން ލަސްވުމުން އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ވާދަކުރައްވާނީ ރައީސް ޔާމީންގެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.