Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އައްޑޫ ޓޫރިޒަމް ތަރައްގީ ނުވެ އޮތީ މަސައްކަތް ނުކުރާތީ

އައްޑޫސިޓީގެ ޓޫރިޒަމް ތަރައްގީ ނުވެއޮތީ ސަރުކާރުން އިހުލާސްތެރި މަސައްކަތް ނުކުރާތީ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ޓޫރިޒަމަށް ހާއްސަކޮށްގެން ބިންތަކެއް ހިއްކުމަށް ނިންމާފައިއޮތުމުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ވިލިނގިލި، ހެރެތެރެ އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައި ނުގަނެ ކަމަށެވެ.

"އައްޑޫސިޓީގެ ޓޫރިޒަމް ތަރައްގީނުވެ އުޅެނީ ރަށް ނެތިގެނެއް ނޫން. މިސަރުކާރުގެ އިހުލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން." ރައީސް ނަޝިދު ވިދާޅުވިއެވެ.

މީގެއިތުރުން ރައިސް ނަޝީދު ވަނީ އައްޑޫ އެއާޕޯޓް ހިންގަން ފެށުމުގެ އާ ވިސްނުމެއް ބޭނުންވާކަމަށެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވީ އިއްޔެ އެސިޓީއަށް ވަޑައިގެންނެވެ. ބިން ހިއްކުމުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިންނެވެ.

މިމަޝްރޫއުގެ ތެރެއިން ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން ހިމެނެއެވެ.