Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އިންޑިއާގެ އެހީގައި އިތުރު 10 މަޝްރޫއެއް

އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫއެއް ހިންގަން މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިއްޔެ ރާއްޖެ ވަޑައިގެންނެވި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވީ. މުރަވީދަރަން އެވެ.

މިއަދު ސޮއިކުރި ވުނު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި އާޓް ސެންޓަރެއް ޤާއިމުކުރުމާއި، ޅ. ހިންނަވަރު ކައުންސިލްގެ އައު އިދާރީ އޮފީސް ތަރައްޤީކުރުމާއި، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުމާއި ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ޔުނިޓެއް ޤާއިމުކުރުމާއި، ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުއްޓާއި ފުވައްމުލަކުގެ ހަތަރު ސްކޫލަކަށް ސްކޫލް ބަސް ފޯރުކޮށްދިނުމާއި، ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްޤީކުރުން ހިމެނެ އެވެ.

އަދި އައްޑޫ ހިތަދޫ ދެ ސަރަޙައްދަކާއި ގދ. ވާދު އާއި ހއ. ދިއްދޫގައި އައުޓް-ޑޯ ޖިމް ޤާއިމުކުރުން ވެސް ހިމެނެ އެވެ.

މި ހުރިހާ މަޝްރޫޢުތަކަކީ ވެސް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން އިންޑިއާ ސަރުކާރުން އިތުރުކޮށް ދިން 100 މިލިއަން ރުފިޔާގެ ގްރާންޓުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓްރީއަށް އެންޓި ޓީބީ މެޑިސިން ވެސް ވަނީ ހަދިޔާކުރި އެވެ.