Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

މާމައާ އެކީ ސާރާގެ މަސައްކަތެއް

ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ޚާން އޭނަގެ މާމަ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްއާ އެކީ ކުރިއަށް ގެންދިޔަ ޝޫޓިންއެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މާމައާ އެކީ ކުރިއަށް ގެންދިޔަ ޝޫޓްގެ ވީޑިއޯ ސާރާ އިއްޔެ ޕޯސްޓްކުރީ "ހާއްސަ ދުވަހެއް" ކަމަށް ލިޔެފަ އެވެ. އެ ވީޑިއޯގައި ޝަރުމީލާގެ ފިލްމެއްގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ޗަންދާ ހޭ ތޫ، މެރާ ސޫރަޖު ހެ ތޫ" ބެކްގްރައުންޑުން އިވިގެންދާ އިރު، ދެ މީހުން ހަނދާ ދިމާއަށް އިޝާރާތްކުރާ ތަން ވެސް ފެނިގެން ދެ އެވެ.

އެކަމަކު މި ޝޫޓިންއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނެތެވެ. ބައެއް މީޑިއާތަކުން ބުނީ މާމައާ އެކީ ސާރާ ޝޫޓްކުރީ އިޝްތިހާރެއް ކަމަށެވެ. އަދި ވަރަށް އަވަހަށް އެ އިޝްތިހާރު އާންމުންނާ ހަމައަށް އަންނާނެ ކަމަށް ވެސް ބުންޏެވެ. މާމައާ އެކީ ސާރާ ފެނުން ވާނީ ބެލުންތެރިންނަށް ވެސް ވަރަށް ހާއްސަ ކަމަށެވެ.

މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ޝަރުމީލާ، 78، އަކީ ހިންދީ ސިނަމާގައި 1960 އާއި 1970 ގެ އަހަރުތަކުގައި ވަރަށް ވިދި ބަތަލާއެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅުނު ބަތަލާ އަކީ އޭރުގެ ވަރަށް ސްޓައިލިޝް ބަތަލާއެއް ވެސް މެ އެވެ. ޝަރުމީލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ގުލްމޯހަރް" އެވެ.

މާމައާ އެކީ ސާރާގެ މަސައްކަތެއްކޮށްފައިވާ އިރު، އޭނަ މަންމަ އަމްރިތާ ސިންގްއާ އެކީ ވެސް އިޝްތިހާރުތަކެއް ކުޅެފައިވެ އެވެ. ސާރާ އަކީ އަމްރިތާ އާއި ސައިފް އަލީ ޚާނަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ސައިފްގެ މިހާރުގެ އަންހެނުންނަކީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރެވެ.

ސާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަތަ ބަޗްކޭ" އެވެ.