Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު ގަން އެއާޕޯޓު

ގަން އެއާޕޯޓް މަޝްރޫއު ފައްޓަވައި ދެއްވައިފި

އައްޑޫ އެއާޕޯޓް ތަރައްޤީގެ މަޝްރޫޢު ރައީސް ފަށްޓަވައި ދެއްވަނީ / ފޮޓޯ: އައްޑޫލައިވް

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ހަވީރު ގަމުގައި މިކަމަށް ޓަކައި ބޭއްވި ރަސްމީއްޔާތުގައި މި މަޝްރޫޢު ރައީސް އަރިހުގައި ފައްޓަވައި ދެއްވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ސްޓޭޓް މިނިސްޓަރު ވީ. މުރުލަދީރަންއާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލެވެ. މި ރަސްމީއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން ރަސްމީއްޔާތުގައި އައްޑޫ މޭޔަރ އަލީ ނިޒާރާއި އައްޑު އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސް ކުންފުންޏާ އެވެ. މަޝްރުޢޫގެ އެއްބަސްވުމުގައި މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހު ސޮއިކޮށްފައިވާ އިރު އެ ކުންފުނިން މިހާރު ވަނީ މޮބަލައިޒްވެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު ޤައިސް ނަސީރު ވިދާޅުވީ، ގަން އެއާޕޯޓާ މެދު އައްޑޫގެ ރައްޔިތުން ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހިގެންދާތަން ފެނިގެންދާ ކަމަށެވެ. އަދި އައްޑޫގައި ފަތުރުވެރިކަމުގެ އެނދު ތަރައްޤީ ކުރަން ކުރާ މަސައްކަތް ފެނިގެން ދާ އިރު، ދުނިޔޭގެ އެކި މަންޒިލްތަކުން ފްލައިޓް ޖެއްސުމުގެ ހުވަފެން ހަޤީގަތަކަށް ވެގެން ދާނެ ކަމަށެވެ.

އައްޑޫ އެއަޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމީއްޔާތުގައި ގައިސް ވާހަކަ ދައްކަވަނީ / ފޮޓޯ: އައްޑޫލައިވް

މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.5 މިިލިއަން މީހުންނަށް ދުމަތްދެވޭ ގޮތަށެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީކުރަން ހަމަޖެހިފައިވެ އެވެ.

ދެހާސް ފަންސަވީހުގައި ނިންމަން ހަމަޖެހިފައި މި މަޝްރޫއަށް 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ) ހަރަދު ވާނެ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

މަޝްރޫއުގެ އިތުރަށް ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ވަނީ ގަމުގައި ސިޓީ ހޮޓަލަކާއި، 2 ބުޓީކް ތަރައްޤީ ކުރުމަށް ވަނީ ނިންމައިފަ އެވެ.

ގަން އެއާޕޯޓު ތަރައްޤީގެ މަޝްރޫޢު އަކީ ދެކުނުގެ އިޤްތިޞާދީ މައިހަބެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއާއެކު މަޝްރޫޢު އެއްކޮށް ނިންމަން ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރު އެވެ.