އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް މާލެ އަށް ކުރަންޖެހޭ ދަތުރުތަކަށް ގަން އެއާޕޯޓުން ލިބޭނެ ބޮޑެތި މަންފާ ތަކެއްވާ ކަމަށެވެ.
"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާ މި އެއާޕޯޓްގެ ކޯލްޑް ސްޓޯރޭޖާ ކާގޯ ފެސިލިޓީގެ ޚިދުމަތް. އެއީ ޚަރަދު ކުޑަވެ، މަގު ކުރުވެ، މަސައްކަތުގެ ރަނގަޅު އަގު އަވަހަށް ލިބޭނެ ޙައްލެއް. އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ." ރައީސް ވިދާޅުވި އެވެ.
އަދި އޯގަސްޓު މަސްތެރޭގައި މިފްކޯގެ މަސް ބަނދަރު ބޭނުން ކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
2016 ވަނަ އަހަރު މަސައްކަތް ފެށި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ 7 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގާއިމުކޮށްފައިވާ ތަނެކެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އަދި އެތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރުމުގެ ޤާބިލްކަން ހުރެ އެވެ.