Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިމަޖެންސީ ބެކަޕް ޕަވާ ޕްލާންޓް ނިންމާލައިފި

ގްރޭޓާ މާލޭ އޭރިއާގެ އިމަޖަންސީ ބެކަޕް ޕަވާޕްލާންޓްގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައިފި އެވެ.

ސްޓެލްކޯ އިން ބުނީ މިއީ އެ ކުންފުނީގެ ތާރީހުގައި މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އިންޖީނުތަކެއް ކޮމިޝަން ކުރި ޕްރޮޖެކްޓް ކަމަށެވެ. މި ޕްރޮޖެކްޓަކީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ސީދާ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

ހުޅުމާލޭގައި ގާއިމުކުރި މި އިމަޖެންސީ ބެކަޕް ޕަވާ ޕްލާންޓްގައި 20.2 މެގަވޮޓްގެ ކެޕޭސިޓީ ހުންނާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އެއާއެކު ގްރޭޓާމާލޭގެ ޕަވާ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެ އެވެ.

މި ޕްރޮޖެކްޓުގައި އިސްކޮށް ހަރަކާތެރިވި ސްޓެލްކޯ ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒް ވިދާޅުވީ މި މަސައްކަތް ނިންމާލީ މަހެއްހާ ދުވަހުގެ މަސައްކަތުން ކަމަށެވެ. މި ބެކަޕް ޕަވާ ޕްލާންޓް މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ ލޯޑު މައްޗަށް ދާ ހާލަތްތަކުގައި ކަމަށް ޝަރުނީޒް ވިދާޅުވި އެވެ.

ހުސްވި މަހުގެ 24 ވަނަ ދުވަހު ރެކޯޑު މިންވަރަކަށް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކޮށްފައިވެ އެވެ. ސްޓެލްކޯގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އަކީ 120 މެގަވޮޓެވެ. އެ ދުވަހުގެ ޕީކް ގަޑީގައި 117 މެގަވޮޓް އާ ހަމައަށް ކަރަންޓު ބޭނުން ކުރި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.