Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އޭސީ މިލާންގެ ސްވިޑެން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އިބްރަހިމޮވިޗް ،41، ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރީ އިޓާލިއަން ލީގުގެ ފަހު މެޗުގައި ވެރޯނާގެ މައްޗަށް 3-1 އިން އޭސީ މިލާން ކުރި ހޯދި މެޗަށްފަހު އެވެ.

"އަހަރެން މި އަލްވަދާއު ކިޔަނީ ފުޓްބޯޅަ އަށް، ތި ސަޕޯޓަރުންނަކަށް ނޫން." އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ބުނީ އޭނާގެ ހަޔާތުގައި ކުރިހާ ވެސް ކަމަކީ ފުޓްބޯޅަ ކުޅުން ކަމަށާއި ފުޓްބޯޅައިގެ ސަބަބުން ނުދަންނަ އެތައް ބަޔަކާއި ބައްދަލުވެ އަދި ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމުގެ ފުރުސަތު ވެސް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"އެ ހުރިހާ ކަމެއް ހާސިލުވުމުގެ ޝުކުރު ހައްގީ ފުޓްބޯޅަ އަށް." އޭނާ ބުންޏެވެ.

ފުޓްބޯޅަ ކެރިއަރުގައި 511 ގޯލު ކާމިޔާބުކޮށްފައިވާ އިބްރަހިމޮވިޗް ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ އާއި އިންޓަ މިލާން އާއި ޔުވެންޓަސް އާއި އަޔެކްސް އަދި ބާސެލޯނާ ފަދަ ޓީމުތަކަށް ކުޅެދީފަ އެވެ. އިބްރަހިމޮވިޗްގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ ޖުމްލަ 34 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

ސްވިޑެންގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އިބްރަހިމޮވިޗް ވަނީ އެޓީމަށް ކުޅެދިން 122 މެޗުގައި 62 ގޯލު ކާމިޔާބުކޮށްދީފަ އެވެ.