Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ތަރައްގީ އަށް އޮތް ފޯމިއުލާ އަކީ ރައީސް ސޯލިހު

ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޖުމައުގެ މަސްލަހަތާއި ރައްކާތެރި ކަމަށް ވެސް އޮތް ފޯމިއުލާ އަކީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ގެނައުން ކަމަށެވެ.

"ހަމަޖެހުމާ އެކީ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރައްވާ ގޮތަށް ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބު ކުރުން." އިމްރާން ވިދާޅުވި އެވެ.

ރައީސް ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، އަދާލަތުން ވަނީ އެމްޑީޕީއާ އެކީ ކޯލިޝަން ވެސް އާކޮށްފަ އެވެ.

އެމްޑީޕީން މިހާރު އިންތިހާބަށް ކެމްޕޭން ވެސް ކުރަމުން އަންނަ އިރު، ރައީސް މި ވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި އައްޑޫގަ އެވެ. މި ދަތުރުގެ ތެރެއިން އެމްޑީޕީގެ މެމްބަރުންނާ ވެސް ރައީސް ބައްދަލުކުރައްވައި، ބައެއް އަވަށްތަކުގެ ޖަގަހަތައް ވެސް ހުޅުއްވައި ދެއްވާފައިވެ އެވެ.

އެމްޑީޕީން ބުނަމުން އަންނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު އެއް ލަކިން ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަމުން ގެންދަވަނޫ ރައީސް ސޯލިހަކީ ތަރައްގީގެ ބައްޕަ ކަމަށެވެ.